ޚަބަރު

ޖީޕީއީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ތަޢުލީމީ ވަޒީރު


  • ބައްދަލުވުން ކުރިއަށްދާނީ ޕެރިސްގައި

  • މިމަހުގެ 2 އިން 4 އަށް

ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން ޖީޕީއީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ.

މިމަހުގެ 2 އިން 4 އަށް އަށް ޕެރިސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ޓެކްނިކަލް އެޑްވައިޒަރ ޑރ. އަޙުމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ މި ބައްދަލުވުމުގެ ތެރެއިން ޖީޕީއީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން ޖީޕީއީއަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ.