ޚަބަރު

ވަޒީފާގެ މައުރަޒު 'ފަހި ފުރުސަތު' ފަށައިފި


  • މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 3 އިން 5 އަށް

  • މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މި މައުރަޒު ކުރިއަށްދާނެ

  • މިއީ މި މައުރަޒު ބާއްވާ 5 ވަނަ ފަހަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ވަޒީފާގެ މައުރަޒު "ފަހި ފުރުސަތު" ރަސްމީކޮށް ފަށައިފިއެވެ.

މިއީ އެމްއެންޔޫއިން މި މައުރަޒު ބާއްވާ 5 ވަނަ އަހަރެވެ.

އެމްއެންޔޫއިން ވިދާޅުވީ މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 3 އިން 5 ކަމަށާއި މި ހަރަކާތަކީ އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި ވަޒީފާގެ ފުރުސަތުތަކަށް އެދޭ އާންމު ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ބޮޑު ހަރަކާތެއްކަމަށެވެ.

އެމްއެންޔޫއިން މައުލޫމާތުދެއްވާ ގޮތުގައި މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މާލޭގައި ހުންނަ އެމްއެންޔޫގެ މައި މަރުކަޒުގެ އިތުރުން، އަތޮޅުތެރޭގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުގައި ވެސް ،މި މައުރަޒު ކުރިއަށްދާނެކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

މިފަހަރުގެ މައުރަޒުގައި 32 އަށް ވުރެ ގިނަ މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އެމްއެންޔޫގެ އެކި ދާއިރާތަކުގެ ސްޓޯލްތައް ހިމެނެއެވެ. އެމްއެންޔޫއިން ވިދާޅުވީ ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، މި މައުރަޒުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ކެރިއަރ ގައިޑެންސް ނުވަތަ ދާއިރާތަކުން ކުރިއަށްދާނެ ގޮތުގެ އިރުޝާދު ވެސް ދެވިގެންދާނެކަމަށެވެ.

އެމްއެންޔޫ އިން ފާހަގަކުރައްވާ ގޮތުގައި މި ފެސްޓިވަލް އަކީ ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ސީދާ ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެެއްކަމަށެވެ. މި ފެސްޓިވަލް ކުރިއަށްދަނީ ގިވިން ބެކްޓު ސޮސަޓީ ނުވަތަ، މުޖުތަމައަށް އަނބުރާ ދިނުން" މި ޝިއާރުގެ ދަށުންނެވެ.

އެމްއެންޔޫއިން ވިދާޅުވީ މި މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށާއި މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމަށެވެ.