ޚަބަރު

ޙިޒްބުﷲގެ ޙަމަލާތައް ނުހުއްޓުވޭތީ، ނަތަންޔާހޫއަށް ފިއްތުންތައް ބޮޑުވެއްޖެ


ޞަހްޔޫނީ އިސްތިޢުމާރީ ލަޝްކަރަށް އަމާޒުކޮށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ދެމުންގެންދާ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ސަބަބުން، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިވެއްޖެއެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި، ޙިޒްބުﷲއިން ވަނީ ލުބްނާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަ ޔަހޫދީންގެ އަވަށްތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތައް ދީފައެވެ. ޙިޒްބުﷲގެ އެ ޙަމަލާތަކުގައި އެ އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އެ ގެއްލުންތަކުން އަރައިގަތުމަށް، ނަތަންޔާހޫ ވަނީ 4.5 ބިލިއަން އެމެރިކާގެ ޑޮލަރުގެ އެހީ ދޭން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

ނަތަންޔާހޫ ބުނި ގޮތުގައި، އެ ފައިސާ ބޭނުންކުރަނީ ޔަހޫދީ ދައުލަތުގެ އުތުރުގައި ދިރިއުޅޭ އަވަށްތަކަށް ވަގުތީ ހިޔާތައް ބިނާކުރުމުގެ އިތުރުން މިހާރު ހުރި ވަގުތީ ހިޔާތައް އިތުރަށް ރައްކާތެރިކުރުމަށެވެ.

މިގޮތުން، އާންމު ތަންތަނުގައި 1،800 އައު ވަގުތީ ހިޔާ ބިނާކުރަން ނިންމާފައިވާއިރު، އެ ތަންތަން ބިނާކުރާނީ ޙިޒްބުﷲއިން ހުއްޓުމެއްނެތި އަމާޒުކުރަމުންދާ ވައިގެ ޙަމަލާތަކުން ހިމާޔަތް ލިބޭނެ ގޮތަށް ކަމަށް އޭނާ ބުނެފައިވެއެވެ.

ޔަހޫދީންގެ ދައުލަތުގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ހިމާޔަތްނުދެވޭ ކަމަށް ބުނެ، ނަތަންޔާހޫގެ ސަރުކާރަށް އާންމުންގެ ރުޅިވެރިކަން ވަނީ އިތުރުވެފައެވެ.

ލުބްނާނަށް ޙަމަލާދިނުން މެދުކަނޑައިލަން ޔަހޫދީން އެއްބަސްވެފައިވާކަމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަގުދާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވުމުން ވެސް ނަތަންޔާހޫގެ ސަރުކާރަށް އާންމު ޔަހޫދީންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ޓްރަމްޕް އެކަން އިޢުލާނުކުރައްވާފައިވަނީ، ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާކަން ނަތަންޔާހޫ އިޢުލާނުކޮށްފައިވަނިކޮށެވެ.

ނަމަވެސް، ޓްރަމްޕް އެހެން ވިދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަތަންޔާހޫ ވަނީ ކުރީގެ ނިންމުން ބަދަލުކޮށް، ލުބްނާނަށް ޙަމަލާދިނުން މެދުކަނޑައިލިކަން އިޢުލާނުކޮށްފައެވެ.

އެއާ އެކު، ޔަހޫދީންގެ އަމިއްލަ މަސްލަޙަތު ހިމާޔަތްކުރުމުގެ ބަދަލުގައި، ޓްރަމްޕްގެ ނިންމެވުމަށް ތަބާވީކަމަށް ބުނެ، އާންމު ޔަހޫދީން ދަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙިޒްބުالله އިން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ މާރިޗު 2 ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވުމާ ގުޅިގެން ރައްދުދިނުމުގެ ގޮތުންނެވެ. ޓްރަމްޕްގެ ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. ޙިޒްބުاللهއިން ހަނގުރާމައިގައި ބައިވެރިވެފައި މި ވަނީ އީރާނުން އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމުގެ ދިފާޢުގައި ދެމުންދާ ޙަމަލާތަކަށް ތާޢީދުކުރުމުގެ ގޮތުންނެވެ.