އީރާނުގެ ސަރުކާރު ހިންގުމުގައި އައު މުރުޝިދު އާޔަތުުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ ދައުރު ފުޅާވަމުން އަންނަކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ރޫބިޔޯ ވިދާޅުވީ، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، އީރާނުގެ އޭރުގެ އިސް މުރުޝިދު އަދި ބައްޕާފުޅު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ އަވަހާރަކޮށްލުމާ ގުޅިގެން، އިސް މުރުޝިދުގެ މަޤާމަށް ޢައްޔަނުކުރެއްވި މުޖުތަބާގެ ދައުރު އީރާނުގެ ސަރުކާރުގެ ތެރޭގައި ފުޅާވެފައިވާ ކަމަށެވެ.
މިގޮތުން، ޤައުމު ހިންގުމާއި މުޙިންމު ނިންމުންތަކުގައި މުޖުތަބާގެ ދަޢުރު ވަރަށް ބޮޑަށް ފުޅާވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ ވެސް އަވަހާރަކޮށްލަން އެމެރިކާއިން މަސައްކަތް ކުރާތީ، އާންމުންގެ ތެރޭގައި ނުކުމެ ނޫޅުއްވިނަމަވެސް، ގާތް ބޭފުޅުން މެދުވެރިކުރައްވައި، ލިޔުމުން އިރުޝާދުތައް ފޮނުއްވައިގެން ޤައުމު ހިންގުމުގައި އިސް ދަޢުރެއް އަދާކުރައްވަމުންދާ ކަމަށް ރޫބިޔޯ ހާމަކުރެއްވިއެވެ.
ރޫބިޔޯ މިހެން ވިދާޅުވެފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 8ވަނަ ދުވަހުން ފެށިގެން ޙަމަލާތައް މެދުކަނޑާލާފައި އޮތުން ދާއިމީކޮށް، ހަނގުރާމަ ނިންމުމަށްޓަކައި، އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް އީރާނުން ދިރާސާކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިގޮތުން، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމާއި، ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުން ހިމެނެއެވެ.
ރޫބިޔޯ ވިދާޅުވި ގޮތުގައި، ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އީރާނުން ދޫދީފާނެކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.
ނަމަވެސް، އެއީ ސުލްޙައިގެ އެއްބަސްވުމަކަށް ދެވޭނެ ފަދަ ދޫތަކެއް ކަމެއް އަދި ބުނަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.
ހުރްމުޒް އަލުން ހުޅުވާލައިފިނަމަ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭނެތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރޫބިޔޯ ވިދާޅުވީ، ހުރްމުޒް ހުޅުވާލައިގެން އެކަނި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭ ކަމަށެވެ.