14 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖަހު ޖާގަ، ޞަލާޙުއްދީން ސްކޫލާ ވާދަކޮށް ހުރަވީ ސްކޫލުން ހޯދައިފިއެވެ. މިމެޗު، ޕެނަލްޓީ ޖަހައިގެން ހުރަވީ ސްކޫލުން ކާމިޔާބުކޮށްފައި ވަނީ 2-4 ގެ ނަތީޖާއިންނެވެ.
މާފަންނު އެއް ނަންބަރު ޓާފުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔައީ ދެޓީމުވެސް ވަރަށް ހަމަހަމަ، ވާދަވެރި ކުޅުމެކެވެ. ދެޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވީ ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފިފައެއް ނުވެއެވެ.
ޞަލާޙުއްދީން ސްކޫލަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން، ދެވަނަ ހާފުގެ ކުރީކޮޅު އެޓީމަށް ލިބުނު ހިލޭޖެހުމެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާގެ ކުޑަ ތަންކޮޅެއް ބޭރުން ލިބުނު ޖެހުމުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ގޯލެއް ޖެހިފައި ނުވުމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓްއަޓުގައި ހުރަވީ ސްކޫލުގެ ކީޕަރު ވަނީ، ޞަލާޙުއްދީން ސްކޫލުގެ ފަހު ޕެނަލްޓީ ހިފާއްޓާފައެވެ.
މިއާއެކު، މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމު ތަކަކީ ހުރަވީ ސްކޫލުގެ އިތުރުން ގުރައިދޫ ސްކޫލާއި ރެހެންދި ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ.