ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ރަޝިޔާގެ މީރާ އަންޑްރީވާ އާއި ޕޯލަންޑްގެ މާޔާ ޗުވަލިންސްކާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުގައި 8ވަނައަށް ސީޑު ކުރެވިފައިވާ އަންޑްރީވާ ޖާގަހޯދީ ސެމީ ފައިނަލްގައި 15ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ މާޓާ ކޮސްޓްޔުކް އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ރަޝިޔާގެ ޒުވާން ކުޅުންތެރިޔާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކަކުންނެވެ. އަދި ދެވަނަ ސެޓް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މިއީ އަންޑްރީވާ މިމުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާ ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރު އުމުރުން 17 އަހަރުގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލްގައި އޭނާވަނީ ފަސޭހަ ކަމާއެކު ބަލިވެފައެވެ. ނަމަވެސް މިފަހަރު އަންޑްރީވާގެ ފަރާތުން ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަންޑްރީވާ ހާމަކުރިގޮތުގައި ފުރަތަމަ ސެމީ ފައިނަލްގައި އޭނާއަށް ސެމީ ފައިނަލެއްގައި ކުޅެވުމުގެ އިހްސާސް ނުނުރެވުނު ކަމަށާއި ނަމަވެސް މިހާރު އޭނާގެ ކުޅުން އެއިރާއި އަޅާ ބަލާއިރު ހަރުދަނާ ކުރެވިފައިވާކަމަށެވެ. މިމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އަންޑްރީވާ ވެގެންދާނީ މާރިއާ ޝަރަޕޯވާ އާއި އެމާ ރަޑުކާނޫގެ ފަހަތުން މިގަރުނުގައި ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރާ ތިންވަނައަށް އެންމެ ޒުވާން އަންހެން ކުޅުންތެރިޔާ އަށެވެ.
ކޮލިފައިން ކުޅެގެން ފްރެންޗް އޯޕަންއިން ފުރަތަމަ ފަހަރަށް ޖާގަހޯދާފައިވާ ޗުވަލިންސްކާ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ފަންސަވީސް ވަނައަށް ސީޑު ކުރެވިފައިވާ ޑައާނާ ޝްނައިޑަރ އާއި ބައްދަލުކުރިމެޗު ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައިބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ޗުވަލިންސްކާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓް އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. މިކާމިޔާބީ އާއެކު ދުނިޔޭގައި ސަތޭކަ ސާދަވަނައަށް ސީޑު ކުރެވިފައވާ ޗުވަލިންސްކާ ވެގެން ގޮސްފައިވަނީ ކޮލިފައިން ކުޅެގެން މިމުބާރާތުން ޖާގަހޯދާފައިވާ ކުޅުންތެރިންގެ ތެރެއިން ފައިނަލަށް ދަތުރުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ހައިރާން ކުރުވަނިވި ގިނަ ނަތީޖާތަކެއް ފެންނަމުންދާ މިފަހަރުގެ ފްރެންޗް އޯޕަން ފުރިހަމަ ވެގެންދާނީ މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތަށި ޗުވަލިންސްކާ ކާމިޔާބުކުރުމުންނެވެ. އަންޑްރީވާ އާއި ޗުވަލިންސްކާ ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.