މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ރ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، އިއާދަކުރަނިވި ހަކަތައިގެ އައު ބާބެއް ފެށުނު ދަތުރުފުޅެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުފުޅަކީ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ، މި ދެ އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި ސޯލަރ ޕީވީ ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙު ކުރުމާއި، ބައެއް ރަށްތަކުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމެވެ. ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސެއިންގެ އިތުރުން ހަކަތައާއި މާލީ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ބ. އަތޮޅާއި ރ. އަތޮޅުގެ ޖުމްލަ 9 ރަށަކަށް ޒިޔާރަތް ކުރެއްވިއެވެ. އޭގެ ތެރޭގައި ރ. މަޑުއްވަރީ، ރ. ކިނޮޅަސް، ރ. ފައިނު، ރ. މީދޫ، ރ. އިގުރައިދޫ، ރ. ވަންދޫ، ރ. ރަސްމާދޫ އަދި ބ. ކުޑަރިކިލި ހިމެނެއެވެ.
މި ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު ވަނީ އެ ރަށްތަކުގެ ސޯލަރ ނިޒާމުތަކާއި، އިންޖީނުގެތަކުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ރަށްރަށުގެ ކުނި މެނޭޖުކުރާ ގޮތާއި، ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައި އެކަންކަން އަމިއްލަފުޅަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ބައެއް ރަށްތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކުގައިވެސް ވަޒީރު ބައިވެރިވެ ވަޑައިގެން ގަސް އިންދަވާފައިވެއެވެ.
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމެވެ. ކޮންމެ ރަށެއްގެ ކައުންސިލުންވެސް ވަނީ ތިމާވެށީގެ ގޮތުންނާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ބޭނުންވާ އިތުރު ވަސީލަތްތަކުގެ މަޢުލޫމާތު ވަޒީރާ ހިއްސާކުރައްވާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމެވެ. ރައްޔިތުންގެ އަޑު އަހައިގެން އެ ރަށަކަށް ތަރައްޤީ ގެނައުމެއެވެ. މި ދަތުރުފުޅާއެކު، އުތުރުގެ މި ދެ އަތޮޅަށް މިވަނީ ތިމާވެށީގެ ގޮތުންނާއި، ހަކަތައިގެ ގޮތުން އައު ދިރުމެއް ލިބިފައެވެ. ސޯލަރ ހައިބްރިޑް ނިޒާމުތަކާއެކު ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ކުރާ ދަތުރު މިވަނީ އިތުރަށް ހަލުވިވެފައެވެ. ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ބޭނުންތައް ދެނެގަނެގެން ކުރިއަށްދާ މިފަދަ ދަތުރުފުޅުތަކަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އައު ސަފުހާއެކެވެ.