ކުޅިވަރު

އަންހެން ޑިވިޝަނުގެ ކުރީގައި ވީއެންޖީ އަދި އާރްބީޖީ


  • މިހާތަނަށް ތާވަލުގެ ކުރި ވީއެންޖީ އަދި އާރްބީޖީއިން ހޯދާފައިވަނީ 6 ޕޮއިންޓާއެކު

  • ލީގުގެ ކުޅުން މިމަހުގެ 11 އާ ހަމައަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާނެ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ، ހަތަރުވަނަ ދުވަހުގެ މެޗުތައް ހެޕީ ސްޕޯޓްސް ކްލަބް، ރާއްޖެ ވޮލީ ކުލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ޔޫތު ނިއު ޖެނެރޭޝަން އަދި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫއިން ކާމިޔާބުކޮށްފިއެވެ.

ލީގުގައި އިއްޔެ ކުޅެފައިވަނީ ހަމައެކަނި އަންހެން ޑިވިޝަނުގެ މެޗުތަކެވެ. އެގޮތުން ފުރަތަމަ މެޗު ސީދާ ތިން ސެޓުން ހެޕީ ސްޕޯޓްސް ކްލަބު ވަނީ ސްމައިލް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދާފައެވެ. މިމެޗުގެ ސެޓުތައް ދިޔައީ 18-14، 18-15 އަދި 19-17 އިންނެވެ. މި ނަތީޖާއާއެކު ހެޕީއިން ވަނީ ޕޫލް ޑީ ގެ އެއްވަނަ 3 ޕޮއިންޓާއެކު ހޯދާފައެވެ.

ދެވަނަ މެޗު ކާމިޔާބުކުރީ ރާއްޖެ ވޮލީ ކުލަބުންނެވެ. ފަސް ސެޓަށް ދިޔަ މިމެޗު އެޓީމުން ކާމިޔާބުކުރީ ގުޑީސް ސްޕޯޓްސް ކްލަބު ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ސެޓު 19-17 އިން ގުޑީސްއިން ކާމިޔާބުކޮށްފަވަނިކޮށް ރާއްޖެ ވޮލީ ކުލަބުންވަނީ ފަހަތުން އަރާ ދެވަނަ އަދި ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް ދިޔައީ 18-15 އަދި 18-10 އިންނެވެ. މެޗުގެ ހަތަރު ވަނަ ސެޓު އަނެއްކާވެސް ގުޑީސްއިން 18-14 އިން ނެގުމާއެކު، އިތުރު ހިތްވަރެއްލާ ރާއްޖެ ވޮލީ ކުލަބުންވަނީ ފަހު ސެޓު 15-13 ގެ ހަނި ފަރަގަކުން މޮޅު ހޯދާ މެޗު ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ހޯދި މޮޅާއެކު ރާއްޖެ ވޮލީ ކުލަބުންވަނީ 4 ޕޮއިންޓު ކަށަވަރުކޮށް ޕޫލް އެޗްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.

ތިންވަނަ މެޗު ސީދާ ތިން ސެޓުން ވޮލީބޯލް ނިއު ޖެނެރޭޝަން ކާމިޔާބުކޮށްފައިވަނީ ކަނބަލުން ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ ފަސޭހަކަމާއެކު 18-08، 18-05 އަދި 18-09 އިންނެވެ. މި މޮޅާއެކު ޕޫލް އެފްގެ އެއްވަނައިގައި ވޮލީބޯލް ނިއު ޖެނެރޭޝަން އޮތީ ކުޅުނު ދެ މެޗުން ހޯދި މޮޅާއެކު 6 ޕޮއިންޓާއެކުއެވެ.

އިއްޔެގެ ހަތަރުވަނަ މެޗް ކާމިޔާބުކުރީ ޔޫތު ނިއު ޖެނެރޭޝަނުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު ދެ ސެޓުން އަލްމާ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު 18-15 އިން ނެގީ ޔޫތު ނިއު ޖެނެރޭޝަނުންނެވެ. އެހެންނަމަވެސް އަލްމާއިން ފަހަތުން އަރާ 19-17 އިން އެއްވަރުކުރުމާއެކު، ޔޫތު ނިއު ޖެނެރޭޝަނުން ތިންވަން ސެޓު 18-05 އިން ކާމިޔާބުކުރިއެވެ. އެހެންނަމަވެސް އަލްމާއިން ވަނީ އަނެއްކާވެސް ހަތަރުވަނަ ސެޓު 18-06 އިން ނަގާ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ފަހު ސެޓަށް ދިޔައިރު އަލްމާގެ ފަރާތުން ވަރިބަލިކަން ފެނިގެންދިޔައިރު، މިސެޓު ޔޫތު ނިއު ޖެނެރޭޝަނުންވަނީ 15-09 އިން ނަގާ މެޗު ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު ގްރޫޕް ޖީ ގެ އެއްވަނަ ޔޫތު ނިއު ޖެނެރޭޝަނުން ކަށަވަރުކޮށްފައިވަނީ 5 ޕޮއިންޓު ހަމަކޮށްގެންނެވެ.

އިއްޔެގެ ފަހު މެޗު ކާމިޔާބުކުރީ ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަނުންނެވެ. އެޓީމުން ސްޕޯޓްސް ކްލަބު ދިރުން ބަލިކޮށް ސެޓުތައް ނެގީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 18-11، 18-05 އަދި 18-07 އިންނެވެ. މި މޮޅާއެކު ގްރޫޕް އީ ގެ އެއްވަނަ ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަނުން ހޯދާފައިވަނީ މިހާތަނަށް ހޯދި ދެ މޮޅާއެކު 6 ޕޮއިންޓު ކަށަވަރުކޮށްގެންނެވެ.

ލީގުގައި މިއަދު ފިރިހެން ޑިވިޝަނުގެ ފަސް މެޗު ކުޅޭނެއެވެ. އަންހެން ޑިވިޝަނުން މިއަދަށް ތާވަލުކޮށްފަވަނީ އެންމެ މެޗެކެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި ހަތަރު ޕޫލަށް ބަހާލާފަވާއިރު، 13 ޓީމަކުން ވާދަކުރެއެވެ.