ޚަބަރު

ފިޗުގެ ރޭޓިން މަތިކުރުން: މާލީ ސިޔާސަތަށް އިތުބާރާއި ޔަގީންކަން


  • ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އިން "ސީސީސީ" މަތިކޮށްފައިވޭ

  • ކްރެޑިޓް ރޭޓިން މަތިކުރީ ސަރުކާރުން އަޅި ފިޔަވަޅުތަކާއެކު ސުކޫކް އަނބުރާ ދެއްކުމުން

ބުދަ ދުވަހު ފިޗުން ވަނީ އެއިދާރާއިން ރާއްޖެއަށް ދޭ ކްރެޑިޓް ރޭޓިން މައްޗަށް ޖައްސާފައެވެ. މިކަމުން ދައްކުވައި ދެނީ ހަރުދަނާ ސިޔާސަތުތަކުގެ ބަދަލެކެވެ.

ފިޗުން ކްރެޑިޓް ރޭޓިން 1 ދަރަޖަ މަތި ކުރުން މިއީ ކިހާ މުހިންމު ކަމެއްކަން ބަޔާން ކުރާނަމަ، ފުރަތަމަ ކްރެޑިޓް ރޭޓިން ތަކަކީ ކޮބާކަން އެނގެންޖެހެއެވެ. އެންމެ އާދައިގެ ބަހުން ބުނާނަމަ ކްރެޑިޓް ރޭޓިން އަކީ ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލިއްޔަތުކަން ވަޒަން ކުރުމަށް ބޭނުން ކުރާ ވަސީލަތެކެވެ. މިއީ ދަރަންޏެއް ދޭ ފަރާތަކަށް ދަރަނި ނަގާ ފަރާތުގެ މާލީ ޤާބިލިއްޔަތުކަން ވަޒަން ކުރުމަށް ދެވޭ ޔަޤީންކަމެކެވެ. މިއީ ޤައުމުތަކުގެ އިތުރަށް ބޮޑެތި ކުންފުނިތަކުގެ ވެސް ކުރާ ދިރާސާއެކެވެ.

ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރޭގައި މިމަސައްކަތް ކުރާ މައިގަނޑު 3 ފަރާތެއް އޮވެއެވެ. އެއީ މޫޑީސް، އެސް އެންޑް ޕީ އަދި ފިޗެވެ. މީގެ ތެރެއިން ރާއްޖޭގެ ރޭޓިން 2017 ވަނަ އަހަރުން ފެށިގެން މޫޑީސް އަދި ފިޗުން ދަނީ ހަދަމުންނެވެ. މިކަން ކުރަން ފެށިފައިވަނީ ބޮޑެތި ދަރަނިތައް ނަގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަން ފެށުމާއެކު ރާއްޖޭގެ މާލީ ހާލަތު ވަޒަން ކުރުމަށާއި ބެރުގެ އިދާރާތަކަށް އެކަން ބަޔާން ކުރެވޭނެ ނިޒާމެއް ފަހި ކުރުމަށެވެ.

ބުދަ ދުވަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ދަނީ ފާހަގަކުރަމުންނެވެ. ސަރުކާރުން މި ކާމިޔާބީ ފާހަގަކުރާ ސަބަބުތައްވެސް އެބަހުއްޓެވެ. ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު ކޯވިޑުގެ ހާލަތާއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ފަހު އަލުން ކްރެޑިޓް ރޭޓިން މައްޗަށް ޖެއްސީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ފަތުރުވެރިކަމުގެ ތެރެއިން އިޔާދަވެގެން ދިޔަ މިންވަރަށް ބަލާފައެވެ.

ނަމަވެސް އޭރުގެ ސަރުކާރުން ކޯވިޑާއި ގުޅިގެން އާމްދަނީ ދަށްވުމާއި ގުޅިގެން އަދި އޭގެ ކުރިން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަނބުރާ ދެއްކުމަށް އިތުރު 500 މިލިޔަން ޑޮލަރުގެ ސުކޫކެއް ނެގިއެވެ. މިއާއެކުވެސް އާމްދަނީ އަދި ޚަރަދުތައް މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި އިންތިޚާބާއި ހަމައަށް ދިޔައިރު، ދައުލަތުގެ އާމްދަނީއާއި ޚަރަދު ނުބައްދަލުވުމުގެ ނަތީޖާއަކަށްވީ 2022 ގައި ރޭޓިން ދަށް ކުރަން ފެށުމެވެ.

އެގޮތުން 2021 ގައި ބީ + ގައި ހުރި ކްރެޑިޓް ރޭޓިން ފިޗުން 2022 ގައި ބީ - އަށް ބަދަލުކޮށް ނެގެޓިވް އައުޓްލުކެއް ވަނީ ދީފައެވެ. އަދި 2023 އޮކްޓޫބަރުގައި ރޭޓިން މިގޮތުގައި ދެމެހެއްޓިއެވެ. ނަމަވެސް 2024 ވަނަ އަހަރަށް އަހަރު ރޭޓިން "ސީސީސީ +" ދަށްކޮށް އެއަހަރު އޯގަސްޓު މަހު "ސީސީ" އަށް ބަދަލުކުރިއެވެ. ރޭޓިން ދަށްވަމުންދާ މިންވަރުން ދައްކުވައި ދިނީ ދަރަނި ނުދެއްކި ދާނެ ކަމުގެ ހިރާސް ބޮޑުވުމެވެ.

2023 ވަނަ އަހަރު ނޮވެންބަރުގައި މި ސަރުކާރު ހަވާލުވެ، ބޭނުންވާ ފަދަ ނިޒާމީ ބަދަލުތަކާއި، ޤާނޫނުތައް އިސްލާހުކުރުމަށް ސަރުކާރަށް ފުރުސަތު ލިބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު 2024 ވަނަ އަހަރު މެދުތެރެއިން ފެށިގެންނެވެ. އޭރު ރޭޓިން އޭޖެންސީތަކުން ނުރައްކަލުގެ ރަނގަބީލުތަކުގެ އަޑު ހަރުކޮށްފިއެވެ.

ސަރުކާރުން ދެން އިސްކަމެއް ދިނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަމުން، އެއްވެސް ޚިދުމަތަކަށް ދަތި ނުވާ ގޮތަށް ބަދަލުތަކެއް ގެނެސް ދަރަނި ދެއްކޭނެކަން ކަށަވަރު ކުރުމަށެވެ. މިގޮތުން ޓީ-ޖީއެސްޓީ 1 އިންސައްތަ މަތިކޮށް އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަދި ޑިޕާޗަރ ޓެކްސް މަތިކޮށް އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކެއް ސަރުކަރުން އެޅިއެވެ. މިވަރުންވެސް ދަރަނި ދެއްކުމުގެ ޤާބިލްކަން އިތުރު ނުވެއެވެ. ދައުލަތުގެ ރިޒާވުގައި ބޭރު ފައިސާ ދެމެހެއްޓޭނެ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ.

އެހެން ކަމުން ބޭރުފައިސާގެ ޤާނޫނަށް އިސްލާހު ގެނެސް ބޭންކިން ނިޒާމުގެ ތެރެއިން އެމްއެމްއޭއަށް ބޭރު ފައިސާ ވަންނާނެ ނިޒާމެއް ތައާރަފް ކުރިއެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ހަރުދަނާކޮށް ލިބުނު ކުޑަ މުއްދަތުގައި ބޮޑު ދަރަނި ދެއްކުމުގެ ތައްޔާރީތައް ވާން ފެށިއެވެ.

ސަރުކާރުން މިއަހަރު އެޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް ދެއްކީ ނިޒާމީ މިފަދަ ބަދަލުތަކެއްގެ ތެރެއިންނެވެ. އެގޮތުން ފިޗުން ރޭޓިން މަތިކުރިކަން އަންގާ ނެރުނު ރިޕޯޓުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ގެނައި ބަދަލުތަކާއި ބޭރުފައިސާގެ ޤާނޫނުގެ ތެރެއިން ތަންފީޒުކުރަން ފެށި އިސްލާހީ ބަދަލުތައް ފާހަގަކޮށްފައިވެއެވެ.

ސުކޫކް ދައްކާފައިވަނީ އިތުރު ދަރަންޏެއް ނުނަގައިކަންވެސް ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސުކޫކް ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 175 މިލިޔަން ޑޮލަރުގެ އަދި ރިޒާވުން 350 މިލިޔަން ޑޮލަރު ބޭނުންކޮށްގެންނެވެ. މި ދަރަނިތައް އަދާކުރުމާއި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިއަހަރު ފެށުނުއިރު މިއަހަރު ތެރޭ ދައްކަން އޮތް 1.1 ބިލިޔަން ޑޮލަރުގެ ދަރަނި މިހާރު 535 މިލިޔަން ޑޮލަރަށް ދަށްކޮށްފައިވާތީ އެކަން ވެސް ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން މި ދަރަނި އަނބުރާ ދެއްކުމަކީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އިން "ސީސީސީ -" ނުވަތަ އެއް ދަރަޖަ މައްޗަށް ޖެއްސި މައިގަނޑު ސަބަބެވެ. އަދި ބޭރުގެ އެކުވެރި ޤައުމުތަކުގެ އެހީ ރާއްޖެއަށް ލިބި ރާއްޖޭގެ މާލީ ނިޒާމު މެނޭޖް ކުރެވިގެންދާކަން ފިޗުން ފާހަގަކޮށްފައިވާއިރު މިކަމުންވެސް ކާމިޔާބު ޚާރިޖީ ސިޔާސަތެއް ގެންގުޅެފައިވާކަން ހާމަކޮށްދެއެވެ.

ސަރުކާރުންވެސް އަދި މާލީ ވަޒީރުވެސް ފާހަގަކުރައްވާ އެއް ކަމަކީ މި ބަދަލު ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދާއި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމެވެ. ބަނގުރޫޓޫވުމުގެ ތުންފަތް މަތިން އެމަނިކުފާނު ޤައުމު ސަލާމަތް ކޮށްދެއްވައިފި ކަމެވެ. ނުރައްކަލުން އެއްކޮށް ސަލާމަތެއް ނުވެއެވެ. ނަމަވެސް ޤައުމުގެ މިސްރާބު ރަނގަޅު ދިމާލައަކަށް ބަދަލުކޮށްފައިވާކަން ބައިނަލްއަޤްވާމީ އިދާރާތަކުން މިވަނީ ޤަބޫލުކޮށް އެކަން ބަލައިގަނެފައެވެ.