ޚަބަރު

ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރޭ، ފައިސާ ނުދެއްކޭ ނަމަ އަންގަން އެދިއްޖެ


  • ސަބްސްކްރިޕްޝަން ޕޭމަންޓުތައް ޑޮލަރު ލިމިޓްގައި ނުހިމެނޭކަމަށް ވިދާޅުވި

  • މައްސަލަ ދިމާވާނަމަ ބީއެމްއެލަށް ގުޅުމަށް ވަނީ އެދިފައި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް، އޭގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފައެވެ. ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާއެކު، އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންވެސް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ ބޭންކަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.

މި ހަފުތާގެ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑުތަނުން ލުޔެއް ދޭނެ ކަމުގެ އިޝާރާތއް ބީއެމްއެލްއިން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.