ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާ ގުޅިގެން އޭނާގެ ގޮނޑިއާ މެދު ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަކި ގޮތެއް ނިންމަންދެން މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވުމަށް އަންގައިފިއެވެ.
ޝުޖާޢު ވަނީ، އިންތިޚާބުވި 'ދަ ޑިމޮކްރެޓްސް' ޕާޓީން އެމްޑީޕީއަށް ބަދަލުވެފައެވެ.
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ޝުޖާއުއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލް މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
ޝުޖާޢު ޢަލީ ތިނަދޫ ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވީ، 'ދަ ޑިމޮކްރެޓްސް'ގެ ފަރާތުންނެވެ. ނަމަވެސް، މެއި 19 ވަނަ ދުވަހު އޭނާ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އެލްޖީއޭއަށް ވަނީ އަންގާފައެވެ.
އެލްޖީއޭގެ ސިޓީގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކިގޮތެއް އަންގަންދެން، ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެއްކިބާވުމަށާއި، ކައުންސިލް އިދާރާއަށް ނުނިކުތުމަށް ކައުންސިލުގެ ރައީސަށް އަންގަވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެލްޖީއޭގެ ބޯޑުން ވަކިގޮތެއް ނިންމަންދެން ކައުންސިލް ހިންގުން ނައިބު ރައީސާ ޙަވާލުކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މި މައްސަލާގައި ޝުޖާޢުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައަޅައިފިނަމަ، އޭނާ ވާނީ މި ޤާނޫނުގެ ދަށުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލް މެމްބަރަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ދަ ޑިމޮކްރެޓްސްއަށް މެންބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.