ޚަބަރު

އެމެރިކާގެ މަނަވަރުތަކަށް އީރާނުން އިންޒާރުގެ ޙަމަލާތަކެއް


އޮމާނު ކައިރިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް އިންޒާރު ދިނުމުގެ ގޮތުން ޑްރޯނާއި މިސައިލް ބޭނުންކޮށްފައިވާކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އީރާނުން ބުނީ، އިންޒާރުގެ ޙަމަލާތައް ދީފައިވަނީ، އެ ސަރަޙައްދުން ދަތުކުރާ އުޅަނދުފަހަރަށް އެމެރިކާގެ ކަނޑުގެ ސިފައިން ހުރަސްއަޅަމުންދާތީ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް އިންޑިއާ ކަނޑުން ދަތުރުކުރަނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.

އެ އުޅަނދު ދަތުކުރަމުންދިޔައީ އީރާނަށް މުދާ ފޯރުކޮށްދިނުމަށް ކަމަށާއި، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވާ އުޅަނދުފަހަރު ހުއްޓުވާނެކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފައިވެއެވެ.

ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، އެމެރިކާއިން ވަނީ އީރާނު ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބަންދުކޮށް، އީރާނުން މުދާ ބޭރުކުރުމާއި އެތެރެކުރުން ހުއްޓުވައިފައެވެ.

މި ހަނގުރާމައިގެ ތެރެއިން، އީރާނުން ދިން ރައްދު ޙަމަލާތަކުގައި، އެމެރިކާ އަސްކަރިއްޔާގެ އެތައް ބިލިޔަން ޑޮލަރުގެ އަސްކަރީ ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް، ސީއެސްއައިއެސްގެ ހިސާބުތަކަކުން ދައްކައެވެ.

އެތަނުން ހެދި ދިރާސާއިން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން 2.3 ބިލިޔަން އެމެރިކާ ޑޮލަރާއި 2.8 ބިލިޔަން ޑޮލަރާ ދެމެދުގެ ގެއްލުން އެމެރިކާގެ އަސްކަރިއްޔާއަށް ވެފައިވެއެވެ. އެ ޢަދަދަކީ ހަމައެކަނި އަސްކަރީ ސާމާނަށް ލިބިފައިވާ ގެއްލުމުގެ އަގެވެ.

އެ ޢަދަދުގެ ތެރޭގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތަކާއި ޚާއްޞަ އިކުއިޕްމަންޓަށާއި ކަނޑުގެ އެސެޓްތަކަށް ލިބިފައިވާ ގެއްލުން ނުހިމެނެއެވެ. އެހެންކަމުން، އަސްކަރިއްޔާއަށް ލިބިފައިވާ ހަޤީޤީ ގެއްލުމުގެ ޖުމްލަ ޢަދަދު އެ އަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ.