އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ޕީއެޗްޑީ ކޯސްތަކަށް ވަރަށް ގިނަ ދަރިވަރުން ކުރިމަތިލަމުން އަންނަކަމަށާއި، މިހާރުވެސް 100 އަށްވުރެ ގިނަ ދަރިވަރުން އެޔުނިވަރސިޓީން ޕީއެޗްޑީއަށް ކިޔަވަމުންދާކަމަށް އައިޔޫއެމުން ހާމަކޮށްފިއެވެ.
އައިޔޫއެމްގެ 4 ފެކަލްޓީއެއްގައި ޕީއެޗްޑީގެ ކޯސްތައް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި ކުއްލިއްޔާ އޮފް ރިވީލް ނޮލެޖުގައި އުސޫލު ފިޤުުހުގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތާއި، ކުއްލިއްޔާ އޮފް ޝަރީޢާ އިން ލޯގައި ޝަރީޢާއިން ލޯ އިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން މެނޭޖްމަންޓް އިން ލީޑަޝިޕުން ޕީއެޗްޑީ ހެދުމުގެ ފުރުސަތާއި ކުއްލިއްޔާ އޮފް އެޑިޔުކޭޝަނުންވެސް ޕީއެޗްޑީ ހެދުމުގެ ފުރުސަތުވެސް ހެދުމުގެ ފުރުސަތު ލިބެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝީނާ ވިދާޅުވީ، ކުރިޔާއި ޚިލާފަށް ޕީއެޗްޑީގެ ކޯސްތަކަށް ވަރަށް ޑިމާންޑް ބޮޑުކަމަށެވެ. ޝިނާ ވިދާޅުވީ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މިދިޔަ ސެމިސްޓަރގައި ޕީއެޗްޑީއަށް ހުޅުވާލި 5 ފުރުސަތަށްވެސް 30 އަށްވުރެ ގިނަދަރިވަރުން ކުރިމަތިލާފައިވާކަމަށެވެ.
"ވަރަށް ގިނަފަހަރަށް އަންނަ ސުވާލެއް މިއީ އަޅުގަނޑުވެސް އެޕްލައި ކުރީމޭ އެކަމަކު ނުލިބުނޭ. ތެދެއްމެ ހަމައެކަނި ކުއްލިޔާ އޮފް އެޑިޔުކޭޝަނުން މިދިޔަ ސެމިސްޓަރގައި 30 އެޕްލިކެންޓްސް ލިބުނު އެއީ 5 ޖާގައަށް،" ޑރ ޝީނާ ވިދާޅުވިއެވެ.
ޑރ ޝީނާ ވިދާޅުވީ ޕީއެޗްޑީއަކީ ދިރާސާގެ މައްޗަށް ބިނާވެފައިވާ ކޯހަކަށްވުމުން، ދަރިވަރުން ހޮވުމުގައި އެކުދިން ހުށަހަޅާ ޕްރޮޕޯސަލަށް އަހުލުވެރިވެފައިވާ މިންވަރަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހް ވިދާޅުވީ، މި ސެމިސްޓަރގައި ޕީއެޗްޑީއަށް ހުޅުވާލާފައިވަނީ ހަމައެކަނި ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ނަމަވެސް، އެހެން ފެކަލްޓީތަކުގައިވެސް ޕީއެޗްޑީ ކޯސްތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން ކުއްލިއްޔާ އޮފް ރިވީލް ނޮލެޖް، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، އަދި މެނޭޖްމެންޓް އެންޑް ލީޑަރޝިޕް ކުއްލިއްޔާ ހިމެނޭހެން ޖުމްލަ 4 ފެކަލްޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އާންމުކޮށް އޮންނަކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ދެވަނަ ސެމިސްޓަރއަށް އައިޔޫއެމުން ވަނީ ޖުމްލަ 67 ކޯހަކަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ޕީއެޗްޑީގެ އިތުރުން މާސްޓާސްގެ 15 ކޯހަކާއި، ބެޗެލާސް ލެވެލްގެ 16 ކޯހަކާއި، ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިމެނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ކޯސްތައް މާލޭގެ އިތުރުން ރާއްޖޭގެ 7 ކެމްޕަހެއްގައި ކުރިއަށްދާނެއެވެ. އޭގެތެރޭގައި އުނގޫފާރު، ނައިފަރު، ފޮނަދޫ، ތިނަދޫ، ފުވައްމުލައް، މީދޫ އަދި މަރަދޫ ފޭދޫ ކެމްޕަސް ހިމެނެއެވެ. ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، ހާޒިރުވެގެން، ނުވަތަ ބްލެންޑެޑް މޯޑަށެވެ. ކޯސްތަކުގެ ޝަރުތުތައް ޔުނިވަރސިޓީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.