މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ 111 މިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއިން ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓުގައިވާ ގޮތުން އެ ބޭންކުގެ މުހިންމު މާލީ ދާއިރާތަކުން މި ކުއާޓަރުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދާފައިވާ ކަމަށެވެ.
މާލީ ނަތީޖާއަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އެބޭންކުގެ ޖުމްލަ އެސެޓް ވަނީ، 19.31 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، ކުރީ ކުއާޓަރާ އަޅާބަލާއިރު %4.37ގެ ކުރިއެރުމެއް ކަމަށް އެމްއައިބީއިން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ %43.52 ގެ ބޮޑު އިތުރުވުމެކެވެ. މީގެއިތުރުން، ހިންގުމުގެ ފައިދާގެ ގޮތުގައި 170 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ %4.29 ގެ އިތުރުވުމެއް ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
ކަސްޓަމަރުންގެ ޑިޕޮޒިޓަށް ބަލާއިރު މި މުއްދަތުގައި ޑިޕޮސިޓް ކުރި އަދަދު ވަނީ، %5.37 އިތުރުވެ 16.22 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، އަހަރީ މުއްދަތަށް ބަލާއިރު %43.24 ގެ ބޮޑު ކުރިއެރުމެކެވެ. އާމްދަނީގެ ގޮތުގައި ބޭންކަށް 284.60 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ %5.85 އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %32.07 ގެ އިތުރުވުމެކެވެ. މި އަދަދުތަކުން ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަވާކަމަށް އެމްއައިބީއިން ވިދާޅުވިއެވެ.
އެމްއައިބީއިން ވިދާޅުވީ، މިމުއްދަތުގައި ބޭންކުގެ ސާފު ފައިދާވެސް 111.42 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ، އަހަރީ ގޮތުން ބަލާއިރު %15.66 ގެ ކުރިއެރުމެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ކުރިއަރާފައިވާ އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، އެމްއައިބީއިން ދެމިއޮންނާނީ އީޖާދީ، ކަސްޓަމަރުންނާ ރައްޓެހި މާލީ ޚިދުމަތްތައް ފޯރުކޮށްދީ، ޒިންމާދާރު ބޭންކިންގ އުޞޫލުތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.