ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އައްޑޫގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ 5 ފޮއްޓެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މި ވޯޓުގައި މުޅި ޖުމްލަ 4،121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ.
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ދެކުނު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު މެދު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު އުތުރު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލު ހޯލު ކްލާސްރޫމް 1
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލު ހޯލު ކްލާސްރޫމް 2
* ވޯޓުލާ މަރުކަޒުތެރެއަށް ވެއްދޭނީ އެ މީހާގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިންސަންސް ކާޑާއި ނޫކުލައިގެ ދެލީގެ އާދައިގެ ގަލަމެއް އެކަނި
* ވޯޓުލާންދާ ފަރާތްތަކުން ވޯޓުލާ މަރުކަޒުގެ ތެރެއަށް އަތްދަބަހާއި ފައިލާއި އަޑާއި މަންޒަރު ރެކޯޑު ކުރެވޭ އެއްވެސް އެއްޗެއް ވެއްދުމަކީ މަނާކަމެއް
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.
އެދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.