ޚަބަރު

ޔަހޫދީ އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރީ ސިނާއަތާ ގުޅައިލަނީ ނަތަންޔާހޫގެ ރޭވުމަކަށް


އެމެރިކާއާއި ޔަހޫދީ ދައުލަތާ ދެމެދު އޮންނަ އަސްކަރީ ގުޅުން މުރާޖަޢާކޮށް އަލުން އެކުލަވައިލުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބޭނުންވާ ކަމަށް ބުނެ ފޮނުވާފައިވާ ސިޓީއެއް އާއްމުވެއްޖެއެވެ.

ޖޫން މަހުގެ 1ވަނަ ދުވަހު ޔަހޫދީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ މާލިން ސްޓޫޓްޒްމަންއަށް އެޑްރެސްކޮށް ނަތަންޔާހޫ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެމެރިކާއިން ޔަހޫދީންނަށް އަސްކަރީ އެހީދޭ ގޮތް ބަދަލުކުރުމަށް އެމެރިކާއާއެކު އައު ފަހުމުނާމާއެއް ޤާއިމްކުރުމަށް ނިންމާފައިވާ ނިންމުމަށް އޭނާ ތާއީދުކުރާ ކަމަށެވެ. އޭނާ ބޭނުންވަނީ އެމެރިކާއިން ޔަހޫދީންގެ އަސްކަރީ ދާއިރާއަށް ދޭ އެހީތެރިކަމަކީ އެހީއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ދެ ބައި މީހުން އެކުގައި މަސައްކަތްކޮށް ޔަހޫދީ އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރީ ސިނާއަތް ގުޅުވައިލުމަށް ކަމަށް ބުނެފައިވެއެވެ. އެއީ ސީދާ ނަތަންޔާހޫގެ ރޭވުމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ނަތަންޔާހޫ ފޮނުވި ސިޓީގައި އެމެރިކާގެ މާލީ ސިފައެއްގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެމެރިކާއާއި ޔަހޫދީން އެކުގައި މަސައްކަތްކޮށް މިސައިލުން ދިފާޢުވާ ނިޒާމުތަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިންނާއި ސައިބަރ ސެކިއުރިޓީ ދާއިރާ ކުރިއެރުވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ތާއީދުކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނަތަންޔާހޫ މި އިސްނެގުމާ ގުޅޭ ގޮތުން 27 މެއި ވަނަ ދުވަހު ގުދުސްގައި ސްޓޫޓްޒްމަންއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ބަދަލަކީ އެމެރިކާއާއި ޔަހޫދީންގެ އަސްކަރީ އެއްބާރުލުން ފުޅާކުރުމަށް މަސައްކަތްކުރާ 2027 ވަނަ އަހަރުގެ އެމެރިކާގެ ނޭޝަނަލް ޑިފެންސް އޮތޯރައިޒޭޝަން އެކްޓްގެ 224 ވަނަ މާއްދާއާ ދިމާވާ ގޮތަށް ހުށަހަޅާފައިވާ ބަދަލެކެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން ދިފާޢީ ސިނާއަތުގެ ތެރޭގައި ޔަހޫދީންނަށް އެމެރިކާއިން ދޭ އެހީތެރިކަމާ ގުޅޭ ތަފްޞީލް ހޯދުމަށް ދަތިވާނެއެވެ. އަދި އެއީ ހަރުދަނާ، ދެ ފުށް ފެންނަ ނިޒާމެއް ނޫން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ޔަހޫދީންނަށް ވާގިވެރިވާ ގޮތް ބަދަލުކުރުމަށް ހުށަހަޅާފައި މި ވަނީ ޔަހޫދީންނަށް އެމެރިކާއިން އަސްކަރީ އެހީތެރިކަން ދޭތީ، އެކަމާ މެދު އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ހިތްހަމަނުޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިހާރު ޢަމަލުކުރަމުންދާ 10 އަހަރު ދުވަހުގެ މުއްދަތުގެ އެއްބަސްވުން 2028ވަނަ އަހަރު ހަމަވާއިރު، އެ އެއްބަސްްވުން އައު ކުރުމުގައި ގެންގުޅޭނެ އޮނިގަނޑާ މެދު ދަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި މަޝްވަރާކުރަމުންނެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ވަނީ އެމެރިކާއާއި ޔަހޫދީންގެ އަސްކަރީ ގުޅުން ފުޅާކޮށް އެއްބާރުލުން ދިނުން ކުރިއެރުވުމަށް ބާރުދޭ 224ވަނަ މާއްދާ ޤާނޫނުން އުނިކުރުމަށް ހުށަހަޅާފައިވާ ބިލެއް ބަލައިނުގަތުމަށް ނިންމާފައެވެ.