އަންނަ ހުކުރު ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާނީ ނެދަލޭންޑްސް ކަމަށް ޖަރުމަނުގެ އިކޮނޮމިސްޓް ޖޯހިމް ކްލެމެންޓް ބުނެފި އެވެ.
މަޝްހޫރު ހިސާބު އިލްމުވެރިޔާގެ މި ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައިސްގެން އުޅެނީ އޭނާގެ އަމިއްލަ ފޯމިއުލާއަކުން އެންމެ ފަހުގެ ތިން ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމު ވެސް ދިމާކޮށްފައިވާތީ އެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދީ ޖަރުމަނެވެ. 2018 ވަނަ އަހަރު ފްރާންސެވެ. އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބު ކުރީ އާޖެންޓީނާ އެވެ. މި ތިން މުބާރާތް ވެސް ކާމިޔާބު ކުރާނީ މި ގައުމުތައް ކަމަށް ކްލެމެންޓް އިއުލާނު ކުރީ އޭނާގެ އަމިއްލަ ފޯމިއުލާ އެއް ބޭނުންކޮށްގެން ޖެހި ހިސާބުތަކަކުންނެވެ.
"އަހަރެން އެންމެ ފުރަތަމަ މިކަން ކުރީ ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގައި 2014 ވަނަ އަހަރު. އެއީ ހުރިހާ އެނަލިސްޓުން ވެސް ބުނަމުންދިޔައީ ދެކުނު އެމެރިކާގައި ޔޫރަޕުގެ ޓީމެއް ވޯލްޑް ކަޕް ކާމިޔާބު ނުކުރާނެ ކަމަށް. އެފަހަރު ދިމާވުމުން ދެން އަހަރެން މިކަން ކުރަން ފެށީ،" ކްލެމެންޓް ބުންޏެވެ.
ޗެމްޕިއަން ޓީމު ހޮވަން އޭނާ ހިސާބު ޖަހަނީ ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ކުޅުމާ ނުބައްސަ އެވެ. އޭނާގެ ފޯމިއުލާގައި އެއް ކަމަކަށް ބޭނުން ކުރަނީ ކޮންމެ ގައުމެއްގެ ޖީޑީޕީ ނުވަތަ ބޮލަކަށް ޖެހޭ އާމްދަނީ އެވެ. ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ހުރި މިންވަރެކެވެ. ގައުމުގެ އާބާދީ އާއި އެ ގައުމެއްގައި ފުޓްބޯޅަ އަށް އޮތް ތަރުހީބާއި ފުޓްބޯޅައިގައި ބައިވެރި އުޅޭ މިންވަރެވެ. އަދި ފީފާ ރޭންކިން އެވެ.
މިކަންކަމަށް ބަލައި ހިސާބު ޖަހައިގެން އޭނާ ބުނާ ގޮތުން މި ފަހަރު ޗެމްޕިއަންކަން ހޯދާނީ މިހާތަނަށް ވޯލްޑް ކަޕް ނުލިބި އޮތް އެންމެ މަޝްހޫރު ގައުމު ކަމަށްވާ ނެދަލޭންޑްސް އެވެ. ކްލެމެންޓްގެ ހިސާބުތަކުން ދައްކަނީ ސެމީ ފައިނަލުގައި ނެދަލޭންޑްސް އަތުން ބަލިވާނީ މި ފަހަރުގެ މުބާރާތުގެ ހޮޓް ފެވަރިޓުން ކަމަށްވާ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނެވެ. އަދި އަނެއްކޮޅުން ފައިނަލަށްދާނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އެވެ. އެއީ ސެމީގައި އިނގިރޭސިން ބަލިކޮށްފަ އެވެ. އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގެ ފައިނަލް ކުޅުނު ފްރާންސާއި ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލަށް ސެމީ ފައިނަލުން ވެސް ޖާގަ ނުލިބޭނެ ކަމަށް އޭނާގެ އަންދާޒާއިން ދައްކަ އެވެ.
"އަހަރެން އެދެނީ އަހަރެންގެ ހިސާބުތަކުން މި ދައްކާ ގޮތް މާ ސީރިއަސްކޮށް ނުނެގުމަށް. ސަބަބަކީ މިއީ ޓޮސް ކުރުން ކަހަލަ ކަމެއް ކަމަކަށްވާތީވެ. ބައެއް ފަހަރު ފައިސާ ފޮތި މައްޗަށް އެއްލީމާ އައިސް ބިންމަތީގައި ޖެހޭއިރު އޭގެ މަތިފުށް ޖެހިޖެހިގެން ހަތަރު ފަހަރު ވެސް ފެންނަން އޮވެދާނެ. ފަސް ވަނަ ފަހަރު އެއްލީމާ އެހެން ނުވެވެސް ހިނގައިދާނެ. އެހެންވީމާ މިއީ ސީރިއަސްކޮށް ދެކެންވީ ކަމެއް ނޫން،" ކްލެމެންޓް ބުންޏެވެ.
ވޯލްޑް ކަޕުގައި ނެދަލޭންޑްސް ހިމެނެނީ ޖަޕާނާއި ސްވިޑްން އާއި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ.