ޚަބަރު

ސެން މެރީނޯ ބަލިކޮށް ޔޫރަޕްގައި ބަންގްލަދޭޝް ފުރަތަމަ ފަހަރަށް މޮޅުވެއްޖެ


ސެން މެރީނޯ އާއި ދެކޮޅަށް ބަންގްލަދޭޝް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 2-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް މޮޅުވެ ޔޫރަޕްގެ ގައުމެއްގައި ބަންގްލަދޭޝް އިން ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

ޔޫރަޕްގެ ކުޑަ ގައުމެއް ކަމުގައިވާ ސެން މެރީނޯގެ ސެރަވޭލް ގައި އިއްޔެ ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވިއިރު މިއީ ޔޫރަޕްގެ ގައުމަކާއި ދެކޮޅަށް ބަންގްލަދޭޝް އިން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. އަދި މި މެޗުން އެ ގައުމު މޮޅުވިއިރު މިއީ ސެންމެރީނޯ އާއި ދެކޮޅަށް ބަންގްލަދޭޝް ކުޅުނު ފުރަތަމަ ފަހަރެވެ.

ބަންގްލަދޭޝްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ތޯމަސް ޑޫލޭގެ އިރުޝާދުގަ ދަށުން އެ ގައުމު ކުޅުނު ރަސްމީ ފުރަތަމަ މެޗަށް ޓީމު ނިކުތްއިރު, ތޯމަސް ޑޫލޭ ވަނީ ކުރީގެ ކޯޗު އާންމުކޮށް ފުރަތަމަ ޓީމުން ފުރުސަތު ނުދޭ އެ ޓީމުގެ ކެޕްޓަން ޖަމާލް ބުއިޔާން އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ.

މި މެޗުގެ 19 ވަނަ މިނިޓުގައި ބަންގްލަދޭޝް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޝޭހް މުރްސަލީން އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޓޯޕޫ އެވެ.

ނަމަވެސް މެޗުގެ 31 ވަނަ މިނިޓުގައި ސެން މެރީނޯ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޮލަސް އެވެ.

މި މެޗުން ބަންގްލަދޭޝް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓޯޕޫ އެވެ.