ޔަހޫދީންނާއި ލުބުނާންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ހަތަރު މަސް ދުވަހަށް ދެމިގެން ގޮސްފައިވާއިރު، ލުބުނާނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރު ކުރުމަށް އދން އަނެއްކާ ވެސް ގޮވާލައިފިއެވެ. ހަނގުރާމައިގެ ސަބަބުން ލުބުނާނަށް ވަނީ އިންސާނީ ކާރިޘާއެއް ކުރިމަތިވެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނާށް ޙަމަލާ ދިނުމާއެކު ލުބުނާނުން ވަނީ އީރާނުގެ ދިފާޢުގައި ޙަމަލާތަކެއް ދީފައެވެ. އެއާއެކު ޔަހޫދީން ވަނީ ލުބުނާނަށް ދެމުންދިޔަ ޙަމަލާތައް އިތުރުކޮށްފައެވެ. މެދުއިރުމަތީ ހަނގުރާމަ ފެށުނުތާ ކުުރީކޮޅު، އދގެ އިންސާނީ އެހީގެ އިންތިޒާމުތައް ހަމަޖައްސާ އިދާރާ، އޯސީއެޗްއޭއިން ވަނީ ލުބުނާނަށް އެހީތެރިވުމަށް 308 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 185 މިލިޔަން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ނަމަވެސް އޯސީއެޗްއޭއިން މިހާރު ބުނަނީ ލުބުނާނުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ގާތްގަނޑަކަށް 640 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށެވެ.
ޔަހޫދީން ވަނީ ދެކުނު ލުބުނާނުގައި އަސްކަރީ ޙަރަކާތްތައް ފުޅާކޮށްފައެފެ. މާރިޗު މަހުގެ 2ވަނަ ދުވަހު ޙަމަލާތައް ދޭން ފެށި ފަހުން މިއަދާ ހަމައަށް ޔަހޫދީންގެ ޙަމަލާތަކުގައި 3،524 މީހުން ޝަހީދުވެ، 10،733 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އެއް މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.
އޯސީއެޗްއޭއިން ނެރެނު ބަޔާނެއްގައި ބުނީ އެކި ސަރަޙައްދުތަކަށް ތަކުރާރުކޮށް ބަދަލުވާން ޖެހުމުގެ ސަބަބުންނާއި ބޯހިޔާވަހިކަން ހޯދޭނެ ގޮތްތައް މަދުވުމާއި، އަމިއްލަ ގެދޮރަށް ރައްކާތެރިކަމާއެކު އަނބުރާ ދެވުމުގެ ފުރުޞަތު ހަނިވުމުން ޢާންމުންގެ ޙާލަތު އިތުރަށް ނާޒުކުވަމުންދާ ކަމަށެވެ. ޙާލަތާ އެއްގޮތަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުމުގެ ހިތްވަރު ހޯދުމަށް އާންމުންނަށް ދަތިވަމުންދާ ކަމަށާއި، އަސާސީ ޚިދުމަތްތައް ލިބުމުގައި ވެސް އުނދަތޫތައް އިތުރުވަމުންދާ ކަމަށެް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އދގެ ރެސިޑެންޓް އެންޑް ހިޔުމެނިޓޭރިއަން ކޯއޯޑިނޭޓަރ އިމްރާން ރިޒާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ފާއިތުވި 3 މަސް ދުވަހުގެ ތެރޭގަައި ލުބުނާނުގެ އެކި ސަރަޙައްދުތަކުގައިވާ މުޖުތަމަޢުތަކުގެ ޙާލަތު ގޯސްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އާންމުންނަށް ކުރަމުންދާ ނޭދެވޭ އަސަރު ވަރަށް ބޮޑު ކަމަށާއި އެ މީހުންގެ ޙާލަތު ދުވަހެއް ދުވަހަކަށް އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އދން ބުނީ އިޤްތިޞާދަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ވެސް ލުބުނާނުގެ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ކަރަންޓުގެ އަގު ވެސް އިންތިހާއަށް އުފުލިފައިވާތީ އެ ކަމުގެ ނޭދެވޭ އަސަރު ވެސް ނުހަނު ބޮޑު ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ ޞިއްޙީ އިޤްތިޞާދަށް ވެސް އަސަރުކޮށްފައިވާ ކަމަށް އޯސީއެޗްއޭއިން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އިމާރާތަށް ގެއްލުން ލިބުމުގެ ސަބަބުންނާއި އެހެން ސަބަބުތަކާ ހުރެ ލުބުނާނުގެ 62 ހަސްފަތާލު ބަންދުކޮށްފައިވެއެވެ. ޔަހޫދީީންގެ ޙަމަލާތަކުގައި ޕެރެމެޑިކުންގެ ގޮތުގައި މަސައްކަތްކުރާ 100އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ އިދާރާތަކުން ބުނެފައިވެއެވެ.
ތަޢުލީމީ ނިޒާމަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް 450އެއްހާ މަދަރުސާ ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ސަބަބުން މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންގެ ޢަދަދު މަދުވަމުންދާ ކަމަށާއި، ތަޢުލީމު ދެވޭ މިންވަރު ވެސް ދަށަށް ގޮސްފައިވާ ކަމަށް އިދާރާތަކުން ފާހަގަކުރެއެވެ.