ޚަބަރު

އެމެރިކާގެ މުހިންމު މަރުކަޒުތަކަށް އީރާނުގެ ރައްދު ހަމަލާތަކެއް


އީރާނުގެ ރާޑަރު ނިޒާމުތަކަށް އެމެރިކާއިން ޙަމަލާދިނުމާ ގުޅިގެން، ގަލްފު ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި ޙަމަލާދީފައިވާ ކަން އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ހާމަކޮށްފިއެވެ. އައިއާރްޖީސީއާ ޙަވާލާދީ އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ، އެމެރިކާ ސިފައިން ގަވްރޫކު އަދި ޤަޝަމު ޖަޒީރާއަށް ޙަމަލާދިނުމާ ގުޅިގެން، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. މި ގޮތުން ބަޙްރަޔިނުގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓުގެ މައި މަރުކަޒަށް ޙަމަލާދީފައިވާނެ ކަމުގައި ތެހްރާނުން ބުނެފައިވާއިރު، އެމެރިކާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ. ނަމަވެސް، އެ މަރުކަޒުން ދުން އަރަމުންދާ މަންޒަރު މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިދާޅުވީ، އީރާނުގެ ހަތަރު ޑްރޯން ޙަމަލާއެއް ދިފާޢުކުރުމުގެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އީރާނުން ކުވަޔިތާއި ބަޙްރަޔިނަށް އަމާޒުކޮށް ހަތް ބެލިސްޓިކް މިސައިލް ފޮނުވައިލި ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އޭގެ ތެރެއިން ހަ މިސައިލް ދިފާޢުކޮށްފައިވާނެ ކަމަށާއި، މި ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާކަމުގައެވެ.

އީރާންގެ ޙަމަލާތައް ދިފާޢުކުރުމަށް ކުވަޔިތުން ވަނީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްފައެވެ. އެއީ، "ނުބައި ނިޔަތެއްގައި" ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ކުވަޔިތުން ސިފަކުރިއެވެ. އީރާންގެ ޙަމަލާތަކާ ގުޅިގެން ބަޙްރަޔިންގައި ވެސް އިންޒާރުގެ ރަނގަބީލު އަޅާފައިވާ ކަން އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ކަށަވަރުކޮށްދިނެވެ. އަދި، ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް ބަޙްރަޔިން ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އައިއާރްޖީސީން ބުނީ، އެ ޤައުމުގެ މިސައިލްތައް ކުވަޔިތުގެ ޢަލީ އަލް-ސަލީމް ވައިގެ ބަނދަރާއި ބަޙްރަޔިންގައި ހުރި އެމެރިކާގެ ފިފްތު ފްލީޓުގެ މައި މަރުކަޒަށް ކާމިޔާބުކަމާއެކު ވާސިލުވެފައިވާ ކަމުގައެވެ.

މިއީ، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ތެހްރާނާއި ވޮޝިންގޓަނުން އެޕްރީލު 8 ގައި ޢަމަލުކުރަން ފެށި ފަހުން ބަދަލުކޮށްފައިވާ ޙަމަލާތަކެކެވެ. އެމެރިކާއިން އިސްވެ ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ޞަހްޔޫނީ ދައުލަތުގެ އެދުމުގެ ދަށުން، ޔަހޫދީން ރުއްސުމަށެވެ. އެމެރިކާއާއި ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި އީރާނުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. ރައްދުގައި އައިއާރްޖީސީން ވަނީ ޔަހޫދީ ދައުލަތުގެ އިތުރުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް އޮތް ގަލްފު ޢަރަބި ޤައުމުތަކަށް ޙަމަލާދީ، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ވަރުގަދަ ޙަމަލާތަކުގައި އީރާންގެ މިސައިލް ސްޓޮކުގެ ބޮޑު ބައެއް ނައްތައިލާފައިވާނެ ކަމުގައެވެ. މި ގޮތުން، އައިއާރްޖީސީގެ އަތުގައި މި ވަގުތު ބާކީ ހުރީ މިސައިލް ސްޓޮކުގެ އެންމެ %22 ކަމުގައި އޭނާ ދަޢުވާކުރެއްވިއެވެ. ނަމަވެސް، ތެހްރާނުން މި ކަން ކަށަވަރުކޮށްދީފައެއް ނެތެވެ.