އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ، ފާހަގަކުރުން ޙައްގު ކާމިޔާބީއެއްކަމުގައި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ،ފިޗް ރޭޓިންގއަށް ގެނައި ބަދަލަކީ، ބޮޑު ބަދަލަކަށް ނުވިނަމަވެސް، އެއީ ރާއްޖެއާމެދު މާލީ އިދާރާތަކާއި ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ރަނގަޅުވާނޭ ފަދަ، އުންމީދީ ބަދަލެއްކަމަށެވެ. އެހެންނަމަވެސް، މިއަށްވުރެވެސް ބޮޑު ކާމިޔާބީއަކަށްވާނީ، މިހާރަށްވުރެވެސް ރޭޓިންގ ރަނގަޅުވެ، އޭގެ ސަބަބުން ރާއްޖޭގައި އިންވެސްޓުކުރާ މިންވަރު އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުތައް ބަޖެޓުކުރި މިންގަނޑުގެ ތެރޭގައި ހިފެހެއްޓުނީ، ޙިކުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައިގެންކަން ފާހަގަކުރައްވާ އެއީ ފިޗުގެ ރޭޓިންގއަށްވުރެވެސް ފާހަގަކުރުން ޙައްގުކަން ބޮޑު ކާމިޔާބީއެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން، ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ޚަރަދުތައް ހިފެހެއްޓުމާއި، ބަޖެޓުކުރުމުގައި އަންދާޒާކުރާ އާމްދަނީ ޙަޤީޤީ އާމްދަނީއާ އެއްއުއިކުރުން ފަދަ ފިޔަވަޅުތަކުގެ މައްޗަށް އިސް ތަރުޖަމާނުގެ ވާހަކަފުޅުގައިވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ރައްޔިތުންގެ މެދުގައި މަޤުބޫލު ފިޔަވަޅުތަކަކަށް ނުވިކަމުގައިވިޔަސް، މިއީ ސިޔާސީ ކަންކަމަށްވުރެ ވަޠަނީ މަސްލަހަތު އިސްކުރައްވައި ޒިންމާދާރު ސަރުކާރެއްގެ ވަލިއްޔުލްއަމުރު، ނަމޫނާ ދައްކަވާ ގޮތްކަމުގައި ތަރުޖަމާނު ސިފަކުރެއްވިއެވެ.
ސަރުކާރުން ގެންގުޅުއްވާ ދުރު ރާސްތާ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅާއި، ސްޓޭޓް ފާމާ އުފެއްދެވުމުގެ ޙިކުމަތުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އެގޮތުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމުގެ މަސައްކަތަކީ ފުޅާ ދާއިރާއެއްގައި، ހުރިހާ މަސްލަހަތުވެރިންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދަވާނޭ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.
ސްޓޭޓް ފާމާއަކީ، އެތައް ސަރުކާރަކަށް ޙައްލުނުކުރެވުނު، ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ މައްސަލައިގެ ފުރިހަމަ ޙައްލުކަމުގައި ވާނޭކަމަށް ވިދާޅުވިއެވެ. މިފަދަ ފިޔަވަޅުތަކަކީ، ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ވިސްނުންފުޅަށްވުރެ، ޤައުމުގެ މުސްތަޤުބަލު އިސްކުރައްވައިގެން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެއްކަން ތަކުރާރުކޮށް ތަރުޖަމާނުވަނީ ފާހަގަކުރައްވާފައެވެ.