ޚަބަރު

އައިއޭއީއޭގެ ރިޕޯޓުތައް ސިޔާސީ ކުރާކަމުގެ ތުހުމަތު


ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭއިން ތައްޔާރުކުރާ ރިޕޯޓުތަކުގައި ސިޔާސީ ކުލަވަރު ޖައްސާފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފިއެވެ. އީރާނުން މި މޭރުވުމުން ވާހަކަ ދައްކާފައި މި ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސް ނުކުރެވޭ ކަމަށާއި، އެ މަރުކަޒުތަކުގައި ޔުރޭނިއަމް ރައްކާކޮށްފައި ހުރި މިންވަރު އައިއޭއީއޭއަށް ކަށަވަރު ނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ އެ ޤައުމުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ވަނީ ޙަމަލާ ދީފައެވެ. އޭގެ ފަހުން، މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާންއާ ދެކޮަޅަށް ފެށި މެދުއިރުމަތީގެ ހަނގުރާމައިގައި ވެސް އެ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާސިމް ޣާރިބްއާބާދީ ވިދާޅުވީ ބައެއް މަރުކަޒުތައް ފާސްކުރުމަށް ފުރުޞަތު ނުދެވެނީ އީރާނުން އެއްބާރުލުން ނުދޭތީ ނޫން ކަމަށާއި، އޭގެ ބަދަލުގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަސްކަރީ ޙަމަލާތައް ދީފައި ވާތީ ކަމަށެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދިން ޙަމަލާއަށް ފަހު ކުރިމަތިވެފައިވާ ޙާލަތު އައިއޭއީއޭއިން ބޭނުން ކުރަމުން ދަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން ޝައްކުތައް އުފެއްދުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އައިއޭއީއޭގެ ސިިއްރު ލިޔެކިޔުމެއްގައި އެ އިދާރާއިން ވަނީ ނިއުކްލިޔަރ ނަން-ޕްރޮލިފެރޭޝަން ޓްރީޓީ (އެންޕީޓީ)ގެ ދަށުން އީރާަނުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބާކަމާމެދު ސުވާލު އުފައްދާފައެވެ. މީގެ ކުރިން ހުރި ކަމަށް އީރާނުން ބުނެފައިވާ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކު ވެސް އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ޔަޤީން ނުކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އީރާނުގެ އަތުގައި ރައްކާކޮށްފައި ހުރި ޔުރޭނިއަމް އިތުރަށް މުއްސަނދިކޮށްފި ނަމަ 10 ވަރަކަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެ ކަމަށް ވެސް އައިއޭއީއޭއިން ބުނެފައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި އީރާނުގެ ޔުރޭނިއަމް ސްޓޮކްއާ މެދު މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ޝަރުތުކުރައްވަމުން ދަނީ އީރާނުން ޔުރޭނިއަމްގެ ސްޓޮކް އެ ޤައުމުން ދޫކޮށްލުމަށެވެ.