ކުޅިވަރު

އެން.ބީ.އޭ. ފައިނަލްސްގައި ނިކްސް އިން ދެ މެޗުގެ ލީޑެއް ނަގައިފި


  • ނިކްސް މިމެޗު ކާމިޔާބު ކުރީ އެއް ޕޮއިންޓްގެ ތަފާތުން

އެމެރިކާގެ އެން.ބީ.އޭ. ފައިނަލްސްގައި ނިއުޔޯކް ނިކްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި ދެވަނަ މެޗު ނިކްސް އިން ކާމިޔާބުކޮށް މިފަހަރުގެ ފައިނަލްސްގައި އެޓީމުން ދެ މެޗުގެ ލީޑެއް ނަގައިފިއެވެ.

ސެން އެންޓޯނިއޯގެ ފްރޮސްޓް ބޭންކް ސެންޓަރގައި ކުޅުނު މިމެޗު ނިކްސް އިން ކާމިޔާބު ކޮށްފައިވަނީ 105 ޕޮއިންޓް 104 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރގައި ސްޕާސްއިންވަނީ 9 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ނަމަވެސް ނިކްސްއިން ޖެހިގެން އައި ދެވަނަ ކުއާޓަރގައި ކުޅުން ރަނގަޅުކޮށް މެޗު މެދަށް ހުއްޓިއިރު 4 ޕޮއިންޓްގެ ލީޑެއް ނެގިއެވެ.

މިމެޗުގެ ތިންވަނަ ކްއާޓަރގެ އިތުރުން ހަތަރު ވަނަ ކުއާޓަރގެ މެދަކާއި ހަމައަށް މިމެޗުގައި މޮޅަށް ކުޅެމުންދިޔައީ ނިކްސްއެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ސްޕާސްގެ ހުނަރުވެރި ކުޅުންތެރިޔާ ވިކްޓަރ ވެމްބަންޔާމާ އޭނާގެ މޮޅު ކުޅުމާއި އެކު ފަހަތުން އަރާ މިމެޗު ނިމެން 57 ސިކުންތައް ވެފައިވަނިކޮށް 104 ޕޮއިންޓް 102 ޕޮއިންޓުން ލީޑު ނެގައިފައެވެ. މިއާއެކުވެސް ސްޕާސްއަށް މިމެޗުގައި ނިކްސް އެންމެ ފަހު މިނެޓްގެ ތެރޭގައި ހިފަހައްޓާލެވޭގޮތެއް ނުވިއެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ ޖަލެން ބްރުންސަން މެޗުގެ ނަތީޖާ ހަމަހަމަކޮށް އަދި މެޗު ނިމެން 9 ސިކުންތައް ވެފައިވަނިކޮށް ލިބުނު ފްރީ ތުރޯ އަކުން އެޓީމަށް އެއް ޕޮއިންޓްގެ ލީޑެއް ނަގައިދިނުމެވެ. މިމެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވެމްބަންޔާމާއަށް މެޗު ކާމިޔާބު ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ޕޮޓުގެ ރިމްގައި ޖެހިފައި ވެއްޓޭ ގޮތެއް ނުވިއެވެ.

މިމެޗުގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް އެޓީމަށް ހޯދައިފީ 13 ރީބައުންޑް ނަގައިދިން ކާލް އެންތަނީ ޓައުންސްއެވެ. މީގެއިތުރުން ބްރުންސަން އާއި މިކާލް ބްރިޖެސްވަނީ ކޮންމެ ކުޅުންތެރިއަކު 20 ޕޮއިންޓް ހޯދައިދީފައެވެ. ސްޕާސްއަށް ބަލާލާއިރު ވެމްބަންޔާމާވަނީ 29 ޕޮއިންޓް ހޯދައިދީފައެވެ. އަދި ޑި އާރޮން ފޮކްސްވަނީ 20 ޕޮއިންޓް ސްޕާސްއަށް ހޯދައިދީފައެވެ.

މިކާމިޔާބީ އާއެކު ނިކްސް މިވަނީ ރަށުން ބޭރުގައި ކުޅުނު ފައިނަލްސްގެ ފުރަތަމަ ދެމެޗުވެސް ކާމިޔާބުކޮށް މިފަހަރުގެ އެން.ބީ.އޭ. ފައިނަލްސް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކޮށްފައެވެ. ހަތް މެޗުގެ ތެރެއިން އެންމެ ގިނަ މެޗު ކާމިޔާބު ކުރާ ޓީމަށް ޗެމްޕިއަންކަން ލިބޭ އުސޫލުން ކުޅޭ މި ފައިނަލްސްގައި ދެން ކުޅޭ ދެމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ނިކްސްގެ އަމިއްލަ ދަނޑު ކަމުގައިވާ ނިއުޔޯކް ގެ މެޑިސަން ސްކުއެއަރ ގާޑެންގައެވެ.

މަޢުލޫމާތުލިބޭގޮތުގައި ނިއުޔޯކަށް ނިސްބަތްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް މިދެޓީމުގެ މެދުގައި ކުޅޭ ތިންވަނަ މެޗު ބަލާލުމަށް ވަޑައިގަންނަވާނެއެވެ.

އެން.ބީ.އޭ. ފައިނަލްސްގެ ތާރީހްގައި އަމިއްލަ ދަނޑުގައި ފުރަތަމަ ދެމެޗުން ބަލިވެފައިވާ އެއްވެސް ޓީމަކަށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެއެވެ. މީގެކުރިން ފައިނަލްސްގެ ފުރަތަމަ ދެމެޗު ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވަނީ މައިކަލް ޖޯޑަން އާއި އެކު 1993 ވަނަ އަހަރު ނިކުން ޝިކާގޯ ބުލްސް އާއި 1995 ވަނަ އަހަރު ހިއުސްޓަން ރޮކެޓްސްއެވެ. މިދެ ފަހަރުވެސް މިދެޓީމުވަނީ ޗެމްޕިއަންކަން ހޯދައިފައެވެ.

މިމެޗު ކާމިޔާބު ކުރުމާއެކު ނިކްސް އިން މިހާރު މިވަނީ ބަލިނުވެ 13 މެޗު ޕްލޭ އޮފްސްގައި ކާމިޔާބު ކޮށްފައެވެ. ނިއުޔޯކް ނިކްސް އަށް އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 1973 ވަނަ އަހަރުގައި ކަމުން މިމުބާރާތުގެ ތައްޓަށް ނިއުޔޯކް ނިކްސް އިން ކުރާ އިންތިޒާރު 53 އަހަރަށް ފަހު މިފަހަރު ނިމުމަކަށް ގެނެވިދާނެކަމަށް އެޓީމުގެ ސަޕޯޓަރުން އުންމީދު ކުރެއެވެ. މިދެޓީމުގެ މެދުގައި ކުޅޭ ތިންވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަ ދުވަހުގެ ރެއެވެ.