ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ދިވެހި ޙައްޖާޖީން މިވަނީ އެނބުރި ޤައުމަށް އަންނަން ފަށާފައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ހުކުރު ދުވަހުގެ ރޭ ރާއްޖެއައިސްފައިވާއިރު، އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިން އައުމާ ދިމާކޮށް ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
މިދުވަސްވަރަކީ ރާއްޖޭގައި ހުމާ ރޯގާތަށް އިތުރު ދުވަސްވަރަކަށް ވުމާއެކު އަދި ޙައްޖުވެރިން އެނބުރި އަންނަ ދުވަސްވަރުވެސް އެފަދަ ބަލިތައް އިތުރުވާތީ ރައްކާތެރިވުމަށް ފިޔަވަޅުތަކެއް ދުރާލާ އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.
އެއާއެކު ހައްޖުގެ އަޅުކަމަށްފަހު އަންނަ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗާ ހުޅުމާލެ ހޮސްޕިޓަލުގައި މިހާރުވަނީ ޚާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި މިހާރުވަނީ ހައްޖުވެރިންނަށް ޚާއްސަ ފުލޫކުލިނިކެއް ޤާއިމުކޮށްފައެވެ. އަދި އައިޖީއެމްއެޗްގައި ވަނީ ޙައްޖުން އަންނަމީހުނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙައްޖުވެރިން ބަލީގެ އަލާމާތްތައް އުޅޭނަމަ އައިޖީއެމްއެޗްގެ އީއާރަށް ވަޑައިގެން ޓްރައޭޖް ޓޯކަން ނަގަން މަޑުނުކޮށް ޓްރައޭޖް ކައުންޓަރުގައި ޙައްޖުންއައި ފަރާތެއްކަން ބުނެލުމުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.
ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެފައިވާ މިދުވަސްވަރު ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މީސްމީޑިއާގެ މަންސަތަކުގައި އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށްވެސް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ އިލްތިމާސްކުރެއްވިއެވެ.
ހައްޖުގެ އަޅުކަމަށްފަހު އަންނަ ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަވުމުން ހޯމާއި ރޯގާ ޖެހިއްޖެނަމަ އިތުރަށް ބަލި ހާލަތު ގޯސްވެދާނެތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭޢިން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ ކޮންމެ އަހަރަކުވެސް ޙާއްޖު މޫސުމަށްފަހު ބައެއް ބަލިތައް އިތުރުވާތީ ޙާއްޖުވެރިން އެނބުރި ޤައުމަށް އައުމަށްފަހު އެ ދަބަ ބަލިތައް ފެތުރުނަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދަވާކަމަށެވެ. އެގޮތުން ސައުދީގައި ހަރަކާތްތެރިވި ހައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމާއިއެކު މަޝްވަރާކޮށް ހާލަތު މޮނިޓަރ ކުރަމުންދާކަމަށާއި، ބަލި ހާލަތު ހުރިގޮތުން މިފަހަރުވެސް ގިނަ ބަޔަކަށް ފަރުވާދީފައިވާކަމަށެވެ.
އެހެންކަމުން ޙައްޖުވެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއަޕޯޓަށްދާ މީހުންގެ އަދަދު މަދުކުރުމާއި، ބަލިވެ އުޅޭނަމަ އެއަރޕޯޓަށް ނުދިއުން އަދި މާސްކު އެޅުންދަފަ ކަންކަން ހިމެނެއެވެ.
"ހަމަ ފުދޭވަރަކަށް އުމުރުން ދުވަސްވީ މީހުން މިއުޅެނީ، ސިވިއާ ޕޭޝެންޓުންނަށް ވާނެ މީހުން މީ އެމީހުން ތެރޭގައި ރޯގާ އެބައޮތް ވަރަށް ގަދަޔަށް" ސަނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިދުވަސްވަރު އާންމު ހުމާއި ރޯގާތައް އިތުރުވެފައިވާއިރު، ހިމަ ބިއްސާއި ޑެންގީ ފަދަ ބަލިތައްވެސް ދަނީ ރިޕޯޓުރުރަމުންނެވެ. ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އަދި ނިމުނު ޗުއްޓީ ސުވަސްވަރާއި އޭގެ ފަހުންވެސް ހުމާއި ރޯގާ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއެބް ގެންދަަވަނީ އިލްތިމާސްކުރައްވަމުންނެވެ.