ރަޝިޔާގެ ލިނިންގްރާދް ސަރަޙައްދުގައި ބޭއްވި ބައިނަލްއަޤުވާމީ އިޤުތިޞާދީ މަހާސިންތާއަކާ ދިމާކޮށް ޔޫކްރެއިނުން ދީފައިވާ ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދިފާޢުކޮށްފައިވާނެ ކަމުގައި ރަޝިޔާއިން ހާމަކޮށްފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތާ ދިމާކޮށް، ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ސެއިންޓް ޕީޓަރސްބަރގަށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާތަކާ ގުޅިގެން، ގެދޮރުގައި ރައްކާތެރިވެ ތިބުމަށް އިދާރާތަކުން ވަނީ ސިޓީގެ ރައްޔިތުންނަށް އިރުޝާދުދީފައެވެ.
ދެ ފަރާތުން ބަދަލުކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަވެ، ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ދުވަހެއް އެނގެން ނެތް މި ދަނޑިވަޅުގައި، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައި ވިދާޅުވެފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ސެއިންޓް ޕީޓަރސްބަރގުގައި ބޭއްވި މަހާސިންތާއާ ދިމާކޮށް ޔޫކްރެއިނުން އެ ރަށަށް ޙަމަލާދިނުމަށް ފޮނުވައިލި 376 ޑްރޯން ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައެވެ. މީގެ ތެރެއިން 86 ޑްރޯން ވައްޓައިލާފައިވަނީ ލިނިންގްރާދްގެ ބަނދަރުތައް އޮންނަ ސަރަޙައްދުތަކުންނެވެ.
މި ޙަމަލާތަކަށްފަހު ޒެލެންސްކީ ވިދާޅުވީ، ކީވްގެ ޑްރޯންތައް ގާތްގަނޑަކަށް 1,000 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް، ސެއިންޓް ޕީޓަރސްބަރގްގެ ކްރަމްޝްތާތު ކަނޑުގެ ސިފައިންގެ މަރުކަޒަށާއި، 500 ކިލޯމީޓަރު ދުރުގައިވާ ކްރަސްނަދަރްގެ ތެޔޮ ރައްކާކުރާ ގުދަނަކަށް ދަތުރުކޮށްފައިވާ ކަމުގައެވެ. އަދި، ރަޝިޔާގެ ކޮންމެ ބޭއިންސާފު ޢަމަލަކަށް ޙައްޤު ރައްދު ދޭނެ ކަމުގައި ވިދާޅުވި ނަމަވެސް، އޭނާ ވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހިފައިވާ ކަމުގައި ވެސް ވިދާޅުވެފައެވެ.
ރަޝިޔާގެ ރައްދު ޙަމަލާތަކުގައި ޔޫކްރެއިނުގެ ޒަޕޮރީޜިޔާއިން މަރުވި ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ދްނީޕްރޯޕެތުރޮވްސްކްއަށް ދީފައިވާ ޙަމަލާތަކުގައި ތިން މީހުން ޒަޚަމުވި ކަމުގައި ޔޫކްރެއިންގެ އިދާރާތަކުން ބުންޏެވެ. މީގެ އިތުރުން، ކަޅު ކަނޑުގައި ޙާލުގައި ޖެހިފައިވާ ބަޔަކު ސަލާމަތްކުރުމަށް އޮޕަރޭޝަނެއް ހިންގަމުންދިޔަ ޔޫކްރެއިންގެ ދެ ބޯޓަކަށް ރަޝިޔާއިން ޙަމަލާދީފައިވާ ކަމުގައި ޔޫކްރެއިނުގެ ބޮޑުވަޒީރުގެ ނައިބު އޮލެކްސީ ކޫލެބާ ވިދާޅުވިއެވެ. ޕުޓިންއާ ބައްދަލުކުރައްވައި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ސީދާ މަޝްވަރާތައް ބޭއްވުމަށް ޒެލެންސްކީ ހުށަހަޅުއްވާފައިވީ ނަމަވެސް، ޕުޓިން ވިދާޅުވީ، އޭނާއާ ބައްދަލުކުރައްވާނީ ދެ ޤައުމުގެ މާހިރުންގެ މެދުގައި ވާހަކަތަައް ބާއްވައި، އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވައިލުމަށް ފަހުގައި ކަމުގައެވެ.