ޚަބަރު

ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސްރީ ލަންކާއިން ރަތް ސަމާލު ނެރެފި


ސްރީ ލަންކާގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއްގައި އާދަޔާޚިލާފަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން 'ރަތް ސަމާލު' ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން އިންޒާރު ނެރެފައި ވަނީ ތިރުކޫނަމަލެއިން ފެށިގެން މުއްލައިއްތީވޫ މަގުން ކަންކަސަންތުރައިގެ ނިޔަލަށް، އަދި ކަލްޕިޓިޔާއިން ފެށިގެން ކޮލަމްބޯ، ގާލް އަދި ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްގެ ނިޔަލަށް ހިމެނޭ ކަނޑުގެ ސަރަޙައްދަށެވެ.

މި އިންޒާރާއެކު ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ، މަސްވެރިކަމަށް ފުރުން މަނާކޮށް، ކަނޑުމަތީގައި އެއްވެސް ޙަރަކާތެއް އިންތިޒާމުކުރުން ވެސް މަނާކޮށްފައެވެ. އާދީއްތަ ދުވަހުގެ ހެދުނު ސްރީ ލަންކާ ގަޑިން ހެނދުނު 6:30 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 10:30 އާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، ކަންކަސަންތުރައިން ފެށިގެން މަންނާރު މަގުން ކަލްޕިޓިޔާއާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތައް ބައެއް ވަގުތުތަކުގައި އާދަޔާޚިލާފަށް ގަދަވާނެ ކަމުގައެވެ. އަދި، ގަޑިއަކު 60 އާއި 70 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. މީގެ އިތުރުން، ތިރުކޫނަމަލެއިން ފެށިގެން މުއްލައިއްތީވޫ މަގުން ކަންކަސަންތުރައަށް، އަދި ކަލްޕިޓިޔާއިން ފެށިގެން ކޮލަމްބޯ، ގާލް އަދި ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްއާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތައް ވެސް ބައެއް ވަގުތުތަކުގައި ގަދަވެ، ގަޑިއަކު 50 އާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމުގައި އެ އިދާރާއިން އިންޒާރުކުރިއެވެ.

މީގެ އިތުރުން، މަންނާރުން ފެށިގެން ކޮލަމްބޯ، ގާލް އަދި ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްއާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން 2.0 އާއި 2.5 މީޓަރަށް އުފުލުން އެކަށީގެންވާ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އަދި، އެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރާއި މަސްވެރިކަމުގެ ޙަރަކާތްތަކުގައި އުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.