ޚަބަރު

ގަލްފުގެ ޤައުމުތަކަށް ބަދަލުދޭން އީރާނުގެ މުދާ ބޭނުންކުރަން އެ ޤައުމުން ދެކޮޅު


އީރާނުގެ މުދަލާއި ފައިސާއަކީ އެމެރިކާއަށް ލިބިފައިވާ ހަނގުރާމައިގެ ޣަނީމާއެއް ނޫން ކަމަށާއި، ގަލްފުގައި އޮތް އެމެރިކާގެ ބައިވެރިންނަށް ބަދަލުދޭން ހުރި ފަންޑެއް ވެސް ނޫން ކަމުގައި ބުނެ، އެ ޤައުމުތަކަށް ލިބިފައިވާ މާއްދީ ގެއްލުންތަކުގެ ބަދަލު ދިނުމުގެ ގޮތުން އީރާންގެ މުދާ ބޭނުންކުރުމުގެ ވިސްނުމަށް އެ ޤައުމުން ދެކޮޅު ހަދައިފިއެވެ. އީރާންގެ ޚާރިޖީ ވުޒާރާގެ ނައިބު ކާޒިމް ޣަރީބްއާބާދީ މި މޭރުމުން ވިދާޅުވީ، އީރާނުގެ ރައްދު ޙަމަލާތަކުގައި ގަލްފުގެ ޤައުމުތަކަށް ލިބުނު މާއްދީ ގެއްލުންތަކުން އަރައިގަތުމަށް، އެ ޤައުމުގެ މުދާ ގަލްފުގެ ބައިވެރިންނަށް ފޯރުކޮށްދޭން އެމެރިކާއިން އުޅޭ ކަމުގައި ރިޕޯޓުތައް މީޑިއާގައި ދައުރުވާންފެށުމާ ގުޅިގެންނެވެ. އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ އީރާންގެ ޙަމަލާތަކުގައި ގަލްފުގެ ޤައުމުތަކަށް ލިބިފައިވާ މާއްދީ ގެއްލުންތައް ވަޒަންކުރުމަށް ގޮވައިލައި، އެ ކަން ކުރާނެ ޓީމެއް އެކުލަވައިލައްވާފައެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ގަލްފުގެ ބައެއް ޤައުމުތަކުގައި ހުރި އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން، ޖޫން 6 ގައި އެކަނިވެސް ކުވަޔިތާއި ބަޙްރަޔިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފައިވާނެ ކަމުގައި ތެހްރާނުން ބުނެފައިވާއިރު، އެމެރިކާއިން ބުނީ ހަ މިސައިލެއް ދިފާޢުކޮށްފައިވާނެ ކަމުގައެވެ. އެ ޙަމަލާތަކާ ގުޅިގެން ކުވަޔިތުން މާއްދީ ގެއްލުންތަކެއް ރިޕޯޓުކޮށްފައިވީ ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. މަސްރަޙު ދިރާސާކުރާ ކުންފުންޏަކުން އެޕްރީލު މަހު ނެރުނު ރިޕޯޓެއްގައި ބުނީ، އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުޅަނގު އޭޝިޔާގެ ޤައުމުތަކުގެ ހަކަތައިގެ ބިނާރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް އެކަނިވެސް 58 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.

ޣަރީބްއާބާދީ ވިދާޅުވީ، އީރާން ސަރުކާރުގެ ރުހުމާ ނުލައި އެ ޤައުމުގެ މުދަލާއި ފައިސާ ހިފެހެއްޓުމަކީ ބައިނަލްއަޤުވާމީ ގޮތުން ހިންގާ ޣައިރުޤާނޫނީ ކުށެއް ކަމަށާއި، މި ފަދަ ފިޔަވަޅުތަކަށް އެކަށީގެންވާ ރައްދެއް ދޭނެ ކަމުގައެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގެ އޮނިގަނޑުގެ ދަށުން، އެމެރިކާއާއި ހުޅަނގުން ހިފަހައްޓާފައިވާ އީރާންގެ މުދަލާއި ފައިސާގެ ބޮޑު ބައެއް ދޫކޮށްލުމަށް ތެހްރާނުން ދަނީ ބާރުއަޅަމުންނެވެ.

ގަލްފުގެ ޤައުމުތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި އީރާންގެ މުދާ އެ ޤައުމުތަކަށް ދޫނުކުރެވޭނެ ސަބަބުތައް ވެސް އީރާނުން ވަނީ ހާމަކޮށްފައެވެ. ތެހްރާނުން ޤަބޫލުކުރާ ގޮތުގައި، އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް ގަލްފުގެ ގިނަ ޤައުމުތަކުން ވަނީ އެއްބާރުލުންދީ، އެހީތެރިވެދީފައެވެ. މި ގޮތުން، ޙަމަލާތަކުގައި ބޭނުންކުރުމަށް އެ ޤައުމުތަކުގެ ބިމާއި ވަސީލަތްތައް ވޮޝިންގޓަނަށް ދޫކޮށްފައިވާ ކަން ތެހްރާނުން ފާހަގަކުރެއެވެ. އެ ޤައުމުތަކަށް ޙަމަލާދީފައި ވަނީ ވެސް އެ ސަބަބާ ހުރެ ކަމުގައި ތެހްރާނުން ބުނެއެވެ.

ޣަރީބްއާބާދީ ވިދާޅުވީ، އެ ސަބަބާ ހުރެ، ބަދަލު ހޯދުމުގެ ޙަައްޤު ގަލްފުގެ ޤައުމުތަކަށް ގެއްލިފައިވާ ކަމަށާއި، އެ ޤައުމުތަކުން އީރާނަށް ބަދަލުދޭން ޖެހިފައިވާ ކަމުގައެވެ. ހަނގުރާމަ ހުއްޓައިލުމަށް ތެހްރާނުން ހުށަހަޅާ ޝަރުޠުތަކުގެ ތެރޭގައި، ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އެތައް ބިލިޔަން ޑޮލަރުގެ މުދާ ދޫކޮށްލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ނުފޫޒު ބަލައިގަތުން ހިމެނެއެވެ.