ކުޅިވަރު

ރަން މެޑަލް ހޯދުމަށް ބެޑްމިިންޓަންއިން މަސައްކަތް ފަށައިފި


2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަންއިން މަސައްކަތް ފަށައިފިއެވެ.

 މިދިޔަ އަހަރު ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރަން މެޑަލް ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަންއިންވަނީ "ގޮއިން ފޯ ގޯލްޑް" ގެ ނަމުގައި ޕްލޭންއެއް އެކުލަވާލައި، މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދުމަށް، ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯއިން ވަނީ ގައުމީ ޓީމާ ބައްދަލުކޮށް ވާހަކަދައްކާފައެވެ. 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދުމަށް މަސައްކަތް ފެށުމުގެ ގޮތުން މެލޭޝިޔާގެ ހައި ޕޯފޯމަންސް ކޯޗެއްކަމަށްވާ މިސްޓަރ ޝަންކަރު މާލެ ގެނެސް، ކުރިއަށް އޮތް 3 މަސް ދުވަސްވަންދެން ޝަންކަރު އެސޯސިއޭޝަންއާއެކު މަސައްކަތް ކުރާނެކަމަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންއިން މައުލުމާތުދިނެވެ. 

img:http://s4.psmnews.mv/images/660x400/14762847028270.jpg|2015ވަނަ އަހަރު އައިއޯއައިޖީގައި ވާދަކުރި ޓީމް (ފޮޓޯ:އެމްއޯސީ)

މެލޭޝިޔާގެ ހައި ޕޯފޯމަންސް ކޯޗްއަކާއެކު، ކުރިއަށްދާ މިތަމްރީންތަކުގައި 10 އަންހެން ކުޅުންތެރިންނާ އަދި ފިރިހެން 10 ކުޅުންތެރިންގެ ސްކޮޑްއެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. ހައި ޕޯފޯމަންސް ކޯޗްގެ ދަށުން 3 މަސް ދުވަހުގެ ތެރޭގައި ގައުމީ ޓީމްގެ ކުޅުންތެރިން ވަކި ލެވެލްއަކަށް ގެނައުމާ، މިއަންނަ އަހަރުގެ ޖެނުއަރީ މަހުގައި ގައުމީ ޓީމަށް ކޯޗެއް އަންނަވާއިރަށް ސްކޮޑްގެ ކުޅުންތެރިން ފެންވަރު އިތުރުކޮށް، އެއްފެންވަރެއްގައި ކުޅުންތެރިން ބެހެއްޓުން ހިމެނެއެވެ. 

img:http://s4.psmnews.mv/images/660x400/14762847454444.jpg|2015ވަނަ އަހަރު އައިއޯއައިޖީގައި ވާދަކުރި ޓީމް އަޖުފާން (ފޮޓޯ:އެމްއޯސީ)

މިއަންނަ ޖެނުއަރީ މަހުގައި ގައުމީ ބެޑްމިންޓަން ޓީމަށް ކޯޗެއް ގެނައި ކަމުގައި ވީނަމަވެސް، ކޮންމެ އަހަރަކުވެސް މަދުވެގެން 3 ފަހަރު ހައި ޕޯފޯމަންސް ޓްރެއިނަރެއް ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. 

img:http://s2.psmnews.mv/images/660x400/14762847770657.jpg|2015ވަނަ އަހަރު އައިއޯއައިޖީގައި ވާދަކުރި އަންހެން ޓީމް (ފޮޓޯ:އެމްއޯސީ)

މިދިޔަ އަހަރު ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމްވަނީ ޓީމް އިވެންޓްއިން ލޯ މެޑަލް ހޯދާފައެވެ. އަދި ފިރިހެން ޓީމްވަނީ ރިހި މެޑަލް ހޯދާފައެވެ.