ތަރައްްޤީ

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ހިންގުން އިތުރަށް ހަރުދަނާކުރަނީ


ދައުލަތުގެ ބެއްލެވުމުގެ ދަށުގައި ތިބި ކުދިން ތިބޭ ދެމަރުކަޒުގެ ހިންގުން ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެކި ޙާލަތްތައް މެދުވެރިވެ، ޢާއިލާތަކާއި ވަކިވެފައިވާ ކުޑަކުދިން، ޒަމާނުއްސުރެ ބަލަހައްޓަވަމުން އައިސްފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ. އެހެންނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި "ފިޔަވަތި" ގެ ނަމުގައި އާމަރުކަޒެއް ބިނާ ކޮށް، ކުޑަކުދިންގެ ހިޔާގައި ތިބި 9 އަހަރުން ދަށުގެ ހުރިހައި ކުދިން ވަނީ ފިޔަވައްޗަށް ބަދަލުކުރައްވާފައެވެ. ފިޔަވަތިހިޔާ އަކީ ކުރިން ކުޑަކުދިންގެ ހިޔާގެ އެކްސްޓެންޝަނެއްގެ ގޮތުގައި ހިންގަވަމުން ގެންދެވި ތަނެކވެ. ނަމަވެސް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އުފައްދަވާ، ސަރުކާރުން ގެންނެވި ބައެއް ބަދަލުގެ ތެރޭގައި ފިޔަވަތި ހިޔާއަކީ އެ މިނިސްޓްރީގެ ދަށުން ހިންގަވާ ވަކި މަރުކަޒެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސަވާފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ފިޔަވަތި" އަކީ، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސެވީ މިއަހަރުގެ އޯގަސްޓްމަހުގައެވެ.

ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާގެ ނިންމެވުން ތަންފީޒް ކުރެއްވުމުގެ ގޮތުން ދެމަރުކަޒުގެ އިދާރީ އޮނިގަނޑު ވަކި ކުރައްވާ، ހިންގުން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ހަމަ އެއާއެކު، މިދެމަރުކަޒުގައި ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، މަރުކަޒުގެ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށެވެ. އެގޮތުން، މަދަނީ ޖަމްއިއްޔާތަކާއި، ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކާއެކު ޕާޓްނަޝިޕް އުޞޫލުން ކުދިންނަށް ބޭނުންވާ ބައެއް ފަންނީ ޚިދްމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ. ހަމަ އެއާއެކު ޖެންޑަރ މިނިސްޓްރީން ކަމާއި ގުޅުން ހުރި އިދާރާތައް ހިމެނޭ ގޮތައް އެކުލަވާލައްވާފައިވާ ކޮމިޓީން، މި މަރުކަޒުތަކުގައި ހުންނަން ޖެހޭ އާއްމު މިންގަޑުތަކާބެހޭ ގައިޑްލައިނެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި މިހާރު 10 އަހަރުން މަތީގެ 65 ކުދިން ތިބިއިރު، ފިޔަވަތީގައި އުމުން 9 އަހަރުން ދަށުގެ 85 ކުދިން ބަލަހައްޓަވަމުން ގެންދަވައެވެ.