ޚަބަރު

ޕޯސްޓް އޮފީހާއި ނަސަންދުރަ ހިމެނޭ ސަރަޙައްދު ލަފާ ފުރުމަށް ހުޅުވާލައިފި


  • އެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ވަގުތީ ގޮތުން

  • މި ސަރަހައްދު ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމަށް

ބޮޑުތަކުރުފާނު މަގު، ތަރައްޤީކުރުމަށް ބަންދުކުރެވިފައިވާ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާ ފުރުމަށް ވަގުތީ ގޮތުން ބޭނުން ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ހުޅުވާލައިފިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ޓާމިނަލުން ފެށިގެން މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަމައަށް ގައު އަޅާފައިވާ ސަރަހައްދު ވަނީ އެއްކޮށް ބަންދުކޮށްފައެވެ. އެ މަގު ފުޅާކޮށް އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާރު ހެންވޭރު ފެރީ ޓާމިނަލް އަދި އެ ސަރަހައްދުން ފެށިގެން ކުރިއަށް މާލޭގެ ލަފާ ފުރުމަށް ބޭނުން ކުރާ ޖެޓީ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އެސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތުގެ ބައެއް، އެމްޓީސީސީން މިހާރު ނިންމާލާފައިވާއިރު، ޕޯސްޓް އޮފީހާއި ބާސެލޯ ނަސަންދުރާ ހޮޓެލް ދެމެދުވާ ޖެޓީ ސަރަހައްދު ލަފާ ފުރުމަށް ވަގުތީ ގޮތުން ހުޅުވާލުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މި ސަރަހައްދު ހުޅުވާލި ނަމަވެސް ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދަކީ މިހާރުވެސް މަސައްކަތް ކުރަމުންދާ ސަރަހައްދަކަށް ވުމުން ދުއްވާ އުޅަނދުފަހަރަށް އަދި އާންމު ބޭނުމަށް މަގު ވަނީ ބަންދުކުރެވިފައެވެ.

އަދި ކަނޑައެޅިފައިވާ ސަރަހައްދު ފެރީތަކަށް ހުޅުވާލައި ބޭނުން ކުރެވުނު ނަމަވެސް މި ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު އެކުންފުނީގެ މުވައްޒަފުން ދެއްވާ އިރުޝާދުތަކާއެކު އެއްގޮތަށް ހަރަކާތްތެރިވުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަނީ، ވަރަށް ބާރު ދުވެލީގައި ކުރަމުންނެވެ. އެމްޓީސީސީގެ އަމާޒަކީ، މިމަހުގެ ނިޔަލަށް މިމަގުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ކުރަމުންދާ މަސައްކަތްތައް ނިންމާލުމެވެ.