އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ މޭ މަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.05 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ 959 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކުހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ސީދާ ގުޅިފައިވާ ޓެކުހެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު މޭ މަހު ގްރީން ޓެކުހުގެގޮތުގައި ލިބުނު އާމްދަނީ ވަނީ %32 ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހު ގްރީން ޓެކުހުގެ ގޮތުގައި 204 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މޭމަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 138 މިލިޔަން ރުފިޔާއެވެ.
ޖަނަވަރީ: 221,796,366 ރުފިޔާ
ފެބުރުވަރީ: 200,361,4 ރުފިޔާ
މާރިޗު: 312,371,989 ރުފިޔާ
އެޕްރީލް: 185,262,216 ރުފިޔާ
މޭ: 138,600,842 ރުފިޔާ
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.