ދިވެހި ލީގު ކޮލިފިކޭޝަނުގައި ބިސްބުރު ސްޕޯޓްސް ކުލަބުން، ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދުމުގެ އުއްމީދު ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުން ބިސްބުރު މޮޅުވީ 2-5 ގެ ނަތީޖާއަކުންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުން ބިސްބުރު މޮޅުވެފައި ވަނީ، ގްރީން އިން ލަނޑެއްޖަހައި ލީޑުނަގާފައިވަނިކޮށް ފަހަތުން އަރައެވެ.
މެޗުގައި ގްރީން އިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް އަބްދުﷲ މިސްބާޙް ނަގައިން ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި އެ ޓީމުގެ ބިދޭސީ ފޯވާޑް އޮބެއިދާ ކާދިމް އަޙްމަދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
ގްރީން އިން ޖެހި ލަނޑާއެކު ބިސްބުރުން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ގޭމުގެ ތެރެއަށް ވަދެ، އެޓޭކިން ވިސްނުމެއްގައި ކުޅެން ފެށިއިރު، އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މިއީ މުޅިން ހުސްކޮށްހުރެ ބޯޅައާއިއެކު ބިސްބުރުގެ މުޙައްމަދު ނަޝީދު އޭރިއާ ތެރެއަށް ވަދެ، ކީޕަރު ކައިރިން ނައްޓާލަން މަސައްކަތްކުރި ވަގުތު ގްރީންގެ ކީޕަރު ޔަނާލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުން ކާމިޔާބުކުރި ލަނޑެކެވެ. ޕެނަލްޓީ ކާމިޔާބުކޮށްދީ ބިސްބުރަށް ނަތީޖާ ހަމަހަމަށްދިނީ ބިދޭސީ ފޯވާޑް މަޙްމޫދު އަޝްރަފެވެ.
ބިސްބުރުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ އޭގެ ހަތް މިނެޓުފަހުން ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ ކޯނަރު ދަނޑިކައިރިން ލިބުނު ހިލޭ ޖެހުމެއްގައި މަޙްމޫދު އަޝްރަފް ފޮނުވާލި ބޯޅަ، ގްރީންގެ ކީޕަރުގެ އަތުގައި ޖެހިފައި ގޮސް ގޯލުގެ ތެރެއަށް ވަދެގެން ބިސްބުރުން ކާމިޔާބުކުރި ލަނޑެކެވެ.
ބިސްބުރުން ވަނީ އޭގެ އަށް މިނެޓުފަހުން އިތުރު ލަނޑެއްޖަހައި މެޗުގައި ލީޑު ފުޅާކޮށްފައެވެ. މިއީ ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ބިދޭސީ ފޯވާޑް، އާމިރު ފޮނުވާލި ބޯޅަ ގްރީންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން އެ ޓީމަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.
މި ހާފު ނިމުމުގެ ކުރިން ބިސްބުރުން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑުވެސް ޖަހާފައެވެ. އާމިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޝީދެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ބިސްބުރުން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ، އާދައިގެ ކުޅުމެކެވެ.
މި ހާފުގައި ވެސް ފުރަތަމަ ލަނޑުޖެހީ ގްރީން އިންނެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާޙީމެވެ.
ބިސްބުރުން މި މެޗުގައި ޖެހި ފަހު ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން އާމިރަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް އާމިރެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސައީދަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. އޭނާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ކާޑު ނުދެއްކުމުން އެކަމާ ހިތްހަމަ ނުޖެހި ދެއްކި ވާހަކައާ ގުޅިގެން ރެފްރީ އެންމެފުރަތަމަ ސައީދަށް ދެއްކީ ރީނދޫ ކާޑެކެވެ. އަދި ރީނދޫ ކާޑު ދެއްކުމާ ގުޅިގެން އޭނާ ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ލީގު ކޮލިފިކޭޝަނުގައި ގްރީން ވަނީ ޖުމްލަ ހަތަރު ޕޮއިންޓު ހޯދާފައެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ. ގްރީން އިންވެސް ކުޅުނު ފުރަތަމަ މެޗުގައި ހުރާއާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ. އެހެންކަމުން ކުޅުނު ދެ މެޗުން ގްރީންއަށް ޖެހެނީ ޕޮއިންޓަކުން ފުއްދާލާށެވެ.
ކޮލިފައިންގައި ގްރީންއަށް ކުރިއަށް ދެން އޮތީ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ބިސްބުރުން ދެން ކުޅެން ޖެހޭނީ ސައުތު ރީޖަންގެ ޗެމްޕިއަން، ގދ. ގައްދޫއާ ދެކޮޅަށެވެ.