ޚަބަރު

ސްވިޓްޒަލަންޑާއި ޤަތަރުގެ ކޯޗުވެސް ބޭނުންވަނީ އަމިއްލަ ޓީމަށް އިސްކަންދޭން


  • މިއީ ޤަތަރާއި ސްވިޓްޒަލަންޑް ކުޅޭ ފުރަތަމަ މެޗު

ފީފާ ވޯލްޑް ކަޕް ގްރޫޕް ބީގައި ހިމެނޭ ދެޓީމު ކަމަށްވާ ސްވިޓްޒަލަންޑާއި ޤަތަރު މިރޭ ބައްދަލުކުރާ މެޗަށް ނިކުންނައިރު ބޭނުންވަނީ އިދިކޮޅު ޓީމަށްވުރެ ބޮޑަށް އަމިއްލަ ޓީމަށް އިސްކަންދީ އެޓީމުގެ ކުޅުން ކުޅެން ކަމަށް މިދެޓީމުގެ ކޯޗުން ހާމަކޮށްފިއެވެ.

ސްވިޓްޒަލަންޑްގެ ކޯޗު މުރާތު ޔާކިން އާއި ޤަތަރުގެ ކޯޗު ހޫލެން ލޮޕެޓޭގީ މިކަން ހާމަކޮށްފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޤަތަރުގެ ކޯޗު ލޮޕެޓޭގީ ހާމަކުރިގޮތުގައި ސްވިޓްޒަލަންޑްގެ ޓީމަކީ ހުރިހާ ގޮތަކަށް ބެލިނަމަވެސް އެންމެ ހަމަހަމަ އެއް ޓީމުކަމަށާއި ކޮލިފައިންގގައިވެސް އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑު ކަމަށެވެ.

އެހެން ކަމުން މިވާހަކަ ދެކެވެނީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެންމެ މޮލު ޓީމުތަކުގެ ތެރެއިން އެއް ޓިމުގެ ވާހަކަ ކަމަށްވެސް ޤަތަރުގެ ކޯޗު ފާހަގަކުރިއެވެ. ނަމަވެސް އޭނާގެ ޓީމުގެ އުންމީދު ތަކެއް އެބަހުރިކަމަށާއި އެހެން ކަމުން އޭނާ ބޭނުންވަނީ ހުރިހާ ސަމާލުކަމެއް އިދިކޮޅު ޓީމަށް ދިނުމުގެ ބަދަލުގައި އަމިއްލަ ޓީމަށްދީ އޭނާގެ ޓީމު ކުރިއަށް އޮތް މެޗުތަކުގައި ކުރަންޖެހޭ ކަންތައްތަކަށް އިސްކަންދިނުމަށްކަމަށް ލޮޕެޓޭގީ ހާމަކުރިއެވެ.

އެހެން ކަމުން ޤަތަރުން މަސައްކަތް ކުރާނީ ފުރަތަމަ ކަށިގަނޑުން ފެށިގެން އެންމެ ފަހު މިނެޓައި ހަމައަށްވެސް ރަނގަޅު ކުޅުމެއް ދައްކާ މެޗުން މޮޅުވުމަށް މަސައްކަތް ކުރުން ކަމަށް ލޮޕެޓޭގީ ބުންޏެވެ. ޤަތަރުން މިހާތަނަށް ވާދަކޮށްފައިވަނީ އަމިއްލަ ޤައުމުގައި ބޭއްވި ވޯލްޑް ކަޕްގައި އެކަންޏެވެ. އަދި އެމުބާރާތުގައި އެޓީމު ކުޅުނ ތިންމެޗުންވެސް ބަލިވެވަނީ ގްރޫޕް މަރުހަލާއިން މުބާރާތަށް އަލްވަދާއު ކިޔާފައެވެ.

ސްވިޓްޒަލަންޑްގެ ކޯޗު ޔާކިން ފާހަގަކުރިގޮތުގައި ޤަތަރާއި ދެކޮޅަށް ކުޅޭ މެޗަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމު ކުޅޭ ފުރަތަމަ މެޗު ކަމުން ކޮންމެވެސް ވަރެއް ހިތްނުތަވަސްކަމެއް އެބަހުރި ކަމަށާއި ނަމަވެސް އުންމީދަކީ މިފަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުވުންކަމަށެވެ. އަދި ބޭނުންވަނީ އާންމުކޮށް އެޓީމު ކުޅޭ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ރަނގަޅު ހަމަލާތަކެއް އުފެއްދުން ކަމަށް އޭނާ ހާމަކުރިއެވެ. އަދި އިދިކޮޅު ޓީމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި އޭނާގެ މުޅިޓިމުވެސް ތިބީ މިމެޗަށް ތައްޔާރަށް ކަމަށެވެ.

ސްވިޓްޒަލަންޑާއި ޤަތަރު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ. އަދި މިގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ ކެނެޑާއި އާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗު ނިމިފައިވަނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެެވެ.