އޮސްޓްރޭލިޔާ އަތުން 2-0އިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ތުރުކީ ބަލިވީ ކުޅުންތެރިން އިސްކޮޅުން ކުރުވެ، ހަށިގަނޑު ވެސް ނިކަމެތިވުމުން ކަމަށް ކޯޗު ވިންސެންޒޯ މޮންޓޮޔާ ބުނެފި އެވެ.
2002 ވަނަ އަހަރުގެ ސެމީ ފައިނަލް ކުޅުނު ފަހުން އަލަށް ވޯލްޑް ކަޕުގައި ކުޅުނު ތުރުކީ ބަލިވުމަކީ ގިނަ ބަޔަކަށް ހައިރާން ކަމެކެވެ. ސަބަބަކީ އޮސްޓްރޭލިޔާއާ އަޅާބަލާއިރު ތުރުކީގެ ކުޅުންތެރިން ޔޫރަޕުގައި ގިނަވުމާއި ދެ ގައުމުގެ ފުޓްބޯޅައިގެ ތަފާތު ބޮޑުކަމުންނެވެ.
"އަހަރުމެން ވަރަށް ދެރަވެއްޖެ. މި ބަލިވުމުން އަރައިގަތުމަށް އަދި ވަގުތު އެބައޮތް. މެޗު ފެށީއްސުރެ އަހަރުމެންނަށް އެނގުނު އަހަރުމެންގެ އެމީހުންނަށްވުރެ ލަސްކަން،" ކޯޗު ބުންޏެވެ.
"އެމީހުން ވަރަށް ދިގު. މިހެންވީމާ ވަރަށް އުނދަގޫވި ވަރަށް ގިނަ ފަހަރު އެ މީހުންނާ ގަޔާގަޔާ ޖެހިގެން ކުޅެން،" ކޯޗު ބުންޏެވެ.
ތުރުކީގެ ކެޕްޓަން އިޓަލީގެ އިންޓަމިލާނުގެ ހަކާން ކަލްހަނޯގްލޫ ބުނީ ތުރުކީ އަށްވުރެ އޮސްޓްރޭލިޔާ ކުޅުންތެރިންގެ މާހުނަރުވެރި ކަމަށެވެ.
މި ގްރޫޕުގައި ދެން އޮތީ މުބާރާތް ބާއްވާ ގައުމު އެމެރިކާ އާއި ޕެރަގުއޭ އެވެ.