ކުޅިވަރު

ދިރާގު ރޯޑް ރޭސް 2016 ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2016" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިރާގުން ބާއްވާ 10 ވަނަ ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިކަން ހާމަކުރީ މިއަދު އެކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވޭތުވެދިޔަ 9 އަހަރު މާލޭގައި ބޭއްވި ރޯޑް ރޭސް މިފަހަރު ބާއްވަނީ ހުޅުމާލޭގައި އަންނަ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީ.އާރު، މުޙައްމަދު މިރުޝާން ޙަސަން ވިދާޅުވީ، މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކުވެސް މިރޯޑް ރޭސް ބާއްވާއިރު މިއީ އެއިމްސްއާއި، އައި.ޑަބަލްއޭ.އެފްގެ ސަރޓިފައިޑް، އަދި އެފަރާތްތަކުގެ އެންޑޯޒްމަންޓާއެކު ކުރިއަށް ގެންދާ ރޯޑް ރޭސް އެއްކަމަށެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްޞަ ކޮށްފައިވާ މި ޙަރަކާތް މިފަހަރު ހުޅުމާލޭގައި ބާއްވާއިރު، ތާރީޚީ މި ރޭސް ޔޫތް ސީޓިގައި ބޭއްވިގެންދިއުމަކީ ވަރަށް ބޮޑުފަޚުރެއްގެ ގޮތުގައި އެޗް.ޑީސީގެ ހިއުމަން ރިސޯސް ޑިރެކްޓަރ އަޙްމަދު ފާތިހް ސިފަކުރެއްވިއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޭސްވެސް ބެހިފައިވަނީ ފަސް ކިލޯ މީޓަރާއި 10 ކިލޯމީޓަރުގެ ދެ ބަޔަކަށެވެ. އަދި މިފަހަރުގެ ރޭހަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްޞަކުރެވިފައިވާ ރޭހަކަށްވުމުން، މިއަހަރުގެ ޖެނުއަރީ އެކަކަށް ހަތްއަހަރުވެފައިވާ ކުދިންނަށްވެސް މިރޭހުގައި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ދިރާގުން ބުނެއެވެ.

މިފަހަރުގެ ރޭހުގައި ބައިވެރިވުމަށްވެސް 3 ހާސް ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، މި އަހަރުވެސް ވެއިޓްލިސްޓް ކުރެވޭނެކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. މިފަހަރުގެ ރޭހުގައިވެސް ސިފައިންނާއި، ފުލުހުން އަދި މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަން ލިބިގެންދާކަން އެކުންފުނިން ފާހަގަކުރެއެވެ.