ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އަދިވެސް ފްރާންސް ބަލިކުރެވިދާނެ ކަމަށާއި އެއީ ދުނިޔެ ހައިރާން ވާނެޖެހޭ ކަމެއް ނޫން ކަމަށް ސެގެނާލްގެ ކޯޗު ޕަޕާ ތިއޯ ބުނެފި އެވެ.
މި ދެ ގައުމު މިރޭގެ މެޗަށް ނުކުންނައިރު ތިއޯ އަކީ ހާއްސަ މީހެކެވެ. އޭނާ އަކީ ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ފްރާންސް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބަލިކޮށްލި ސެނެގާލް ޓީމުގެ ކުޅުންތެރިއެކެވެ.
"އެފަހަރު ވެސް އަހަރެން އިނީ ބެންޗުގައި. މިރޭ ވެސް އަހަރެން އިންނާނީ ބެންޗުގައި. ތަފާތަކީ މިފަހަރު އެންމެ މުހިންމު ނިންމުންތައް ނިންމާނީ އަހަރެން ކަމަށް ވުން،" މީގެ 24 އަހަރު ކުރީގެ ހަނދާންތައް އާ ކުރަމުން ކޯޗު ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުގެ އެފްރިކާ ކަޕްގެ ޗެމްޕިއަންކަން ހޯދި ސެނެގާލް ގޮސް ފްރާންސް ބަލި ކުރިޔަސް ދުނިޔެ ހައިރާން ވާން ނުޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"އަހަރުމެންގެ މޮޅު ކުޅުންތެރިން ބައިވެރު އެބަތިބި. ދެން ފްރާންސާއި އަހަރުމެންނާ ގުޅުންތަކެއް ވެސް އެބަހުރި. އެހެންވީމާ މިއީ ބޮޑު ހައިރާން ކަމަކަށް ވެގެން ނުވާނެ. އެފްރިކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ބަލިވެއްޖެ މިދިޔަ އަހަރުތަކުގައި. އެންމެ ފަހުގެ ވޯލްޑް ކަޕުގައި ވެސް މިކަން ފެނުނު،" ކޯޗު ބުންޏެވެ.
އަރަބިންނާއި އެފްރިކާގެ ސަގާފަތް މައްސުނި ވެފައިވާ ސެނެގާލަކީ ކުރިން ފްރާންސުން އަޅުވެތިކޮށްގެން އުޅުނު ގައުމެކެވެ. މިހެންވެ ދެ ގައުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ނިސްބަތްވާ މީހުން މިހާރު މަދެއް ނޫނެވެ. ތިއޯ ބުނީ މިފަދަ އެއްގޮތް ކަންކަމާއި ސިޔާސީ އަރައިރުންތަކަކީ ވެސް މި މެޗުގެ ކުރިން ގިނަ ބަޔަކު ހަނދާނަށް އަންނާނެ ކަންކަން ކަމަށެވެ.
މި މެޗަށް ނުކުންނައިރު ސެނެގާލްގެ މާގިނަ ސަޕޯޓަރުންނެއް ދަނޑުގައި ނުތިބޭނެ އެވެ. އެއީ އެމެރިކާ ސަރުކާރުން ސެނެގާލް މީހުން އެ ގައުމަށް އެތެރެވުން ހަރުކަށި ކޮށްފައިވާތީ އެވެ. ސެނެގާލް ޓީމު މުބާރާތަށް އެމެރިކާ އަށް ދިއުމުން ވެސް އެ ގައުމަށް އެތެރެ ކޮށްދިނީ ވަރަށް ގިނަ ސެކިއުރިޓީ ޗެކް ކުރުންތަކަށް ފަހު އެވެ.