ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: އޮސްޓްރިއާ - ޖޯޑަން


  • ސްޓޭޑިއަމް: ސޭން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 09:00

ފީފާ ވޯލްޑް ކަޕް 2026 ގައި އޮސްޓްރިއާ އަދި ޖޯޑަން ކުޅޭ ފުރަތަމަ މެޗަށް މި ދެ ޓީމު ނުކުންނައިރު، އޮސްޓްރިއާ އިން މި މުބާރާތުގެ ޖާގައެއް ހޯދާފައި މިވަނީ އަހަރުތަކެއް ފަހުންނެވެ.

އަދި މިއީ ޖޯޑަން އިން މި ޝަރަފުވެރި މުބާރާތުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

އޮސްޓްރިއާ

އޮސްޓްރިއާ އިން އަށްވަނަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި ވާދަކުރާއިރު މިއީ 1998 ވަނަ އަހަރަށްފަހު އެ ގައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ލޯ މެޑަލް ހޯދާފައިވާ އޮސްޓްރިއާ އިން މި ފަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިން ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބޮސްނިއާ އެންޑް ހޭޒްގޮވީނާ އާއި ރުމޭނިޔާގެ އިތުރުން ސައިޕްރަސް އަދި ސެން މެރީނޯ އެވެ.

2022 ވަނަ އަހަރުގެ އެޕްރިލް މަހުން ފެށިގެން އޮސްޓްރިއާގެ ކޯޗު ކަމާއި ޖަރުމަނުގެ ރަލްފް ރަގްނިކް ހަވާލުވުމަށްފަހު އޭނާ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް އޮސްޓްރިއާ ގެންގޮސްދީފަ އެވެ.

ޖަރުމަނުގެ ބުންޑެސްލީގާގެ ކްލަބް ތަކުގައި ގެންގުޅުނު އެޓޭކިން ފުޓްބޯޅަ އޭނާ ދަނީ އޮސްޓްރިއާގެ ޓީމާއިއެކުވެސް ދައްކަމުންނެވެ.

ފީފާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރިއާ އިން ވަނީ މި އަހަރުގެ ތެރޭގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ. އޭގެ ތެރޭގައި ގާނާ އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވި މެޗާއި ސައުތު ކޮރެއާގެ އިތުރުން ޓިއުނީޝިޔާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗު ހިމެނެ އެވެ.

އޮސްޓްރިއާގެ ވޯލްޑްކަޕް ސްކޮޑްގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ޖަރުމަންގެ ބުންޑެސްލީގާގައި ކުޅޭ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ޑޭވިޑް އަލާބާގެ އިތުރުން އިންގްލެންޑް އިން އޮސްޓްރިއާއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ކާނޭ ޗުކުވުއެމޭކާ އާއި ޖަރުމަނުން އޮސްޓްރިއާއަށް ބަދަލުވި ޕޯލް ވާރނާރ ހިމެނެ އެވެ.

ޖޯޑަން

މީގެ ކުރިން ނުވަ ފަހަރު މަތިން ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ އޮތް ޖޯޑަން އިން އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑްކަޕްގެ ޖާގައެއް ހޯދުމާއިއެކު އެ ގައުމަށް ވަނީ ފުޓްބޯޅައިގެ އީދެއް އައިސްފަ އެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ޖޯޑަން އިން ނިކުންނައިރު އެ ޓީމުން ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ އޭޝިޔާގެ ކޮލިފައިންގެ ދެވަނަ ބުރުގެ ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ސައުދި އަރަބިއްޔާ އާއި ތަޖިކިސްތާނުގެ އިތުރުން ޕާކިސްތާން ހިމެނުނު މި ގްރޫޕްގައި ޖޯޑަން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ އެއް މެޗުން ވަނީ ބަލިވެފަ އެވެ.

ފީފާ ވޯލްޑްކަޕްގެ ކޮލިފައިން ފެށިއިރު ޖޯޑަންގެ ކޯޗަކަށް މޮރޮކޯގެ ހުސެއިން އަމޫޓާ ހުރި ނަމަވެސް ވަކި ހިސާބަކުން އަމިއްލަ ސަބަބަކާއިހުރެ އޭނާ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު މޮރޮކޯގެ ޖަމާލް ސެލާމީ ވަނީ އައްޔަން ކޮށްފަ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ޖޯޑަން އިން ވަނީ ވޯލްޑްކަޕަށް ކޮލިފައިވުމުގެ އިތުރަށް މިދިޔަ އަހަރު ބޭއްވި އަރަބް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ޕެނަލްޓީ ޖަހައިގެން ޖޯޑަން ބަލިވެފައިވަނީ މޮރޮކޯ އަތުންނެވެ.

ޖޯޑަންގެ އެއްވަނަ ފޯވަޑް ޔަޒާން އަލް ނައިމަތް އަށް އަރަބް ކަޕްގައި ލިބުނު އަނިޔާގެ ސަބަބުން ފީފާ ވޯލްޑްކަޕްގައި ނުކުޅެވޭއިރު, މި ޓީމުގައި މި ފަހަރު އެންމެ އިސް ދައުރެއް އަދާކުރާނީ ފޯވަޑް މޫސާ އަލް ތަމާރީ އާއި ކެޕްޓަން އިހްސާން ހަދާދްގެ އިތުރުން ގަތަރުގެ އަލް ސައިލިއްޔާއަށް ކުޅެމުންދާ އަލީ އޮލްވާން އެވެ. އޭނާ ވަނީ ޖޯޑަންގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 66 މެޗުގައި ޖުމްލަ 29 ލަނޑު ޖަހާފަ އެވެ.