ކުޅިވަރު

އިންފަންޓީނޯ ދުވާލަކު ބައްލަވާނީ ދެ މެޗު


ފީފާގެ ރައީސް ޖިއާންނީ އިންފަންޓީނޯ ދުވާލަކު ބައްލަވާނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ މެޗު ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

މިއީ ވަރަށް ދިގު ދަތުރުތަކެއް ކުރައްވަން ޖެހިވަޑައިގަތުމުން ނިންމަވާފައިވާ ގޮތެއް ކަމަށް ވެސް ފީފާއިން ބުނެ އެވެ.

ތިން ގައުމެއް ކުޅިގެން ފުރަތަމަ ފަހަރަށް ބާއްވާ ވޯލްޑް ކަޕުގައި ދިގު ދަތުރުތައް ކުރަން ޖެހިފައިވަނީ މެކްސިކޯ އާއި ކެނެޑާ އާއި އެމެރިކާގައި އެކި ހިސާބުތަކުގައި މެޗުތައް ކުޅޭތީ އެވެ. މުބާރާތް 16 ދަނޑެއްގައި ކުޅޭއިރު އެއްތަނުން އަނެއްތަނަށް ދިއުމަށް އިންފަންޓީނޯ ބޭނުން ކުރައްވަނީ އެންމެ ފަހުގެ ވޯލްޑް ކަޕް ބޭއްވި ގަތަރުން ހަދިޔާ ކޮށްފައިވާ ހާއްސަ ޖެޓެކެވެ. މި ޖެޓުގެ މައްސަލާގައި މިއީ ރިޝްވަތުގެ އަމަލެއް ކަމަށް ބުނެ އޭނާއާ ދެކޮޅަށް ފީފާ އަށް ވަނީ މައްސަލަ ވެސް ހުށަހަޅާފަ އެވެ.

ފީފާއިން ބުނީ މުބާރާތުގެ 104 މެޗުގެ ތެރެއިން އިންފަންޓީނޯ 64 މެޗު ޔަގީނުން ވެސް ބައްލަވާނެ ކަމަށެވެ. މުބާރާތް ހުޅުވި މެޗު ކަމަށްވާ ދެކުނު އެފްރިކާ އާއި މެކްސިކޯ މެޗަށް ފަހު އޭނާ ވަޑައިގަތީ ޗެކިޔާ އާއި ދެކުނު ކޮރެޔާގެ މެޗަށެވެ. އެއަށް ފަހު ޖެހިގެން އައި ދުވަހު ލޮސް އެންޖަލެސް އަށް ވަޑައިގަތީ ޕެރަގުއޭ އަތުން އެމެރިކާ މޮޅުވި މެޗު ބެއްލެވުމަށެވެ. މިއަށް ފަހު ގަތަރާއި ސްވިޒަލޭންޑް އަދި އޮސްޓްރޭލިޔާ އާއި ތުރުކީ މެޗު ބެއްލެވި އެވެ. އެކަމަކު އަދީއްތަ ދުވަހު މަޔާމީގައި އޮތް ފީފާ ސަމިޓްގައި އުޅުއްވުމަށް ފަހު އެންމެ ފަހުން އޭނާ ވަޑައިގަތީ ނިއުޒީލޭންޑާއި އިރާން މެޗަށެވެ.

ފީގާފެ އޮފިޝަލަކު ބުނީ އުމުރުން 56 އަހަރުގެ ރައީސް ވެގެންދާނީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ދިގު ދަތުރުތައް ކުރައްވާނެ ފަރާތަށް ކަމަށެވެ.