ކުޅިވަރު

ރޮނާލްޑޯ ރޮއްވާލަން ކޮންގޯ ތައްޔާރުތަ؟


ވޯލްޑް ކަޕަށް ކޮންގޯ ކޮލިފައިވުމުން އެ ގައުމުގެ ކުޅިވަރު މިނިސްޓަރު ޑިޑިއޭ ބަޑިންމޯ ވިދާޅުވީ ތަފާތު ވާހަކަ އެކެވެ.
ބައި ގަރުނު ފަހުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފާފާޅު ކުރަން ކިންޝާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު ހަމަލާތައް އަމާޒުކުރީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.


"އަހަރުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މި ހިސާބަށް މިއީ. ކޮލިފައި ވުމަކީ ފަސޭހަ ކަމެއް ނޫން. ވޯލްޑް ކަޕުގައި އަހަރުމެންގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކަރުނަ އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު މިރޭގެ މެޗަށް ވަޑައި ނުގެންނެވޭނެ އެވެ. ސަބަބަކީ އެބޯލާގެ ސަބަބުން އެމެރިކާ އަށް ކޮންގޯ މީހުން އެތެރެވުމުގެ ކުރިން 21 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭތީ އެވެ.

ނަމަވެސް ކޮންގޯ ޓީމުން ބުނީ ޕޯޗުގަލް އަކީ ތަށްޓަށް ވާދަ ކުރާ ޓީމަކަށް ވުމުން މެޗު ވަރަށް ސީރިއަސްވާނެ ކަމަށެވެ.

"އެ މީހުން ވާދަކުރަނީ ތަށްތަށް. އަހަރުމެން ވަރަށް ފަރުވާތެރިވާން ޖެހޭނެ. މި މެޗަކީ ވަރަށް މުހިންމު މެޗެއް. އެފްރިކާގެ އެހެން ޓީމުތައް ފަދައިން އަހަރުމެން ވެސް މި މެޗުގައި މޮޅަށް ކުޅެ ނަތީޖާ ރަނގަޅު ކުރަންޖެހޭނެ،" ޓީމުގެ ކޯޗު ސެބަސްޓިއަން ޑިސޭބްރާ ބުންޏެވެ.

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އޭނާގެ ޓީމު އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.

"އަހަރުމެން މި މެޗު ފަސޭހަ ކޮށްނުލާނަން. މި މުބާރާތުގައި އަހަރުމެން ވިސްނުން އިސްކުރަން ޖެހޭ ފަދަ ނަތީޖާތަކެއް މިހާރު ވެސް ފެނިގެން ހިނގައްޖެ. އެހެންވީމާ ފުރަތަމަ މެޗު ކާމިޔާބު ކުރުން ވަރަށް މުހިންމު. އަހަރުމެން ވިސްނާނީ މެޗަށް ފަހު މެޗަކަސް،" މާޓިނޭޒް ބުންޏެވެ.

އޭނާ ބުނީ ޕޯޗުގަލް ޓީމުގައި ތަރިން ތިބި ނަމަވެސް ވޯލްޑް ކަޕުގެ ތަޖުރިބާ އެހާ މުއްސަނދި ނޫން ކަމަށެވެ.