ޚަބަރު

ޕްރެޝަރާއި އެއްވަރުގެ ކުޅުމެއް ހާލަންޑްގެ ފަރާތުން ފެނިގެންދިޔަ: ސޮލްބަކެން


  • ހާލަންޑްވަނީ މިމެޗުގައި 2 ލަނޑު ޖަހައިދީފަ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އައިގައި ނޯވޭ އާއި އިރާގް ބައްދަލުކުރި މެޗުގައި ނޯވޭގެ ފޯވަޑް އާލިން ހާލަންޑްގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި އެކު އޭނާއަަށް ކޮންމެ މަރުހަލާއެއްގައިވެސް ކުޅެވިދާނެކަން ދައްކުވައިދީފިކަމަށް އެޓީމުގެ ކޯޗު ސްޓޭލް ސޮލްބަކެން ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އިރާގާއި ދެކޮޅަށް ކުޅެ 4 ލަނޑު އެއް ލަނޑުން މޮޅުވި މެޗަށްފަހުއެވެ. މިމެޗުގައި ހާލަންޑް ވަނީ ދެ ލަނޑު ޖަހާދީފައެވެ.

ސޮލްބަކެން ބުނީ މިމެޗުގެ ކުރިން ބޭއްވި އެންމެ ފަހު ފަރިތަކުރުމުގައި ހާލަންޑްގެ ފަރަތުން ފެނިގެންދިޔަ ކުޅުމާއެކު އޭނާގެ ފަރާތުން މިފަދަ ކުޅުމެއް ފެނިގެންދާނެކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ. ހާލަންޑްވަނީ އޭނާ އެންމެ ފަހުން ނޯވޭއަށް ކުޅުނު 20 މެޗުގައި 17 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އިރާގްގެ ކޯޗު ގްރަހަމް އާނޯލްޑް ހާމަކުރިގޮތުގައި ހާލަންޑް އަކީ ވަރަށް ފުރިހަމަ ނަމްބަރ ނައިން އެއް ކަމަށެވެ. މިމެޗުގައި އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއާއެކުވެސް މޮޅު ފޯވަޑެއްގެ ފަރާތުން ފެނިގެންދާ މޮޅު ކުޅުން ފެނިގެންދިޔަ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ނޯވޭއަށް ވަރަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އާނޯލްޑް ފާހަގަ ކުރިއެވެ.

މެޗަށްފަހު އާނޯލްޑްވަނީ ހާލަންޑާއި ވާހަކަ ދައްކާފައެވެ. އަދި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އާނޯލްޑް ބުނީ ހާލަންޑަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ފޯވަޑް ކަމަށް އޭނާ އާއި ދެއްކި ވާހަކައިގާ ހާމަކުރިކަމަށެވެ.