އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ބޭނުންވާ އިންޖީނުތައް ހެދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ ދަށުން 4 އިންޖީނު ގެނައުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއް ސަރަޙައްދުކަމަށްވާ އައްޑޫއަށް ދިމާވެފައިވާ އަސާސީ އެންމެ ބޮޑު އެއް މައްސަލައަކީ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލައެވެ. އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 5.2 މެގަވޮޓްގެ 4 ޖެނެރޭޓަރު ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ. ޖުމްލަ 26 މެގަވޮޓްގެ އިންޖީނުގެއަކާއެކު އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމަށް ކޯޕަރޭޝަނުން ވިދާޅުވެއެވެ. އައު އިންޖީނުގެގޭ މަސައްކަތް ނިމި އަންނަ އަހަރުގެ މެދުތެރޭގައި ކޮމިޝަން ކުރެވޭނެކަމަށް ލަފާކުރެވޭކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކައިން ވިދާޅުވީ އައްޑޫގައި މިދިޔަ މަހުވެސް 1.8 މެގަވޮޓްގެ ޖަނެރޭޓަރެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެއާއެކު ކަރަންޓު ކެނޑޭ ނިސްބަތް ކުރިއާ އަޅާބަލާއިރު މަދުވިނަމަވެސް އެއީ ދާއިމީ ހައްލެއް ނޫންކަމަށް ފެނަކައިން ވިދާޅުވެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ނިމެންވާއިރަށް، އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އައްޑޫގައި ތަރައްޤީކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެކެވެ. މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއްކަން ފާހަގަކޮށްލެވެއެވެ.
ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ ރަނގަޅު މިންވަރުގައި ހިފެހެއްޓުމަށްޓަކައި ލޯ ސްޕީޑް އިންޖީނުތަކަކީ ދިގުމުއްދަތެއްގައި ރަނގަޅު ފެންވަރުގައި ހިފަހައްޓާ އިންޖީނުތަކެއްކަމަށް ފެނަކައިންވަނީ ކުރިން ވިދާޅުވެފައެވެ. އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ކުރަމުންދަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާއި ހަވާލުކޮށްގެންނެވެ.