ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، ރަޝިޔާ މާކެޓުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން "މޯލްޑިވިއާނާ" އާ ގުޅިގެން ޚާއްޞަ ޑިޖިޓަލް މާކެޓިންގ ކެމްޕޭނެއް ހިންގައިފިއެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔައީ، 15 މެއި އިން 15 ޖޫން 2026ގެ ނިޔަލަށެވެ.
މި ކެމްޕެއިންގެ މައިގަނޑު މަޤުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ބާރުވެރިކުރުމާއި، އޮންލައިން މީޑިއާތަކުގައި ދިވެހިރާއްޖެއާ މެދު އޮންނަ ޝައުޤުވެރިކަން އިތުރުކުރުމުގެ އިތުރުން، ރަޝިޔާގެ ފަތުރުވެރިން ރާއްޖޭގެ ރަސްމީ ފަތުރުވެރިކަމުގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ޒިޔާރަތް ކުރާ މިންވަރު އިތުރުކުރުމެވެ.
މޯލްޑިވިއާނާއަކީ، 1994 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި ރަޝިޔާގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާ އަދި މާލެއާއި މޮސްކޯގައި އޮފީސްތައް ޤާއިމުކޮށްފައިވާ ޓްރެވަލް އޮޕަރޭޓަރެކެވެ. މި އިސްނެގުމުގެ ދަށުން، ރަޝިޔާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ އިސްކަންދޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ރީތިކަމާއި ތަފާތު ތަޖުރިބާތައް ސިފަކޮށްދޭ ތަފާތު ކޮންޓެންޓްތައް ދައްކާލުމަށް ރޭވިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މީގެ އިތުރުން، އަމާޒުކޮށްފައިވާ ޑިޖިޓަލް އިޝްތިހާރުތަކާއި ޕްރޮމޯޝަންތަކުގެ އެހީގައި ރަޝިޔާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ހިމެނެއެވެ. މިގޮތުން، ރަޝިޔާގެ މާކެޓަށް ޚާއްޞަ ކޮށްގެން ހިންގާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ސަބަބުން، ރާއްޖެއަށް ބުކިންގްސް ހަދާ މިންވަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރަޝިޔާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް މާކެޓަށްވާއިރު، މި ކެމްޕޭނަކީ އެ މާކެޓުގައި ރާއްޖޭގެ ހިއްސާ ވަރުގަދަކޮށް ހިފެހެއްޓުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. ރަޝިޔާއަކީ މިވަގުތަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިޔާއިން 112,718 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 13.4 އިންސައްތައެވެ.