ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަންނަން ނާޒުކު ޤައުމުތަކަށް އެހީވާން ގޮވާލައިފި


  • ކްލައިމެޓް މޮބިލިޓީއަކީ އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ބޭނުންވެފައިވާ ކަމެއް

  • މޫސުމީ ބަދަލުތަކަށް ހޭނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު

މޫސުމީ ބަދަލުތަކުން އަރައިގަންނަން ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026ގައި ކުރިއަށް ގެންދިޔަ ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްއާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވައިދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ދިވެހީންގެ ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމަށާއި ޤައުމުގެ ކުރިމަގާއި ތަރައްޤީގައި ކްލައިމެޓް މޮބިލިޓީ ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަޤުވާމީ އުސޫލުތަކަކީ އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

ދިވެހިރާއްޖޭން މޫސުމީ ބަދަލުތަކަށް ވިލުންތެރި ރަށްރަށުގައި އިންވެސްޓްކުރަމުން އަންނަކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ހުޅުމާލެއަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ތަރައްޤީގެ ނަމޫނާއެއް ކަމަށާއި ރަސްމާލެވެސް ތަރައްޤީ ކުރެވޭނީ އެފަދަ ގޮތަކަށް ދިގު މުއްދަތުގެ ޙައްލުތައް ލިބިގެންދާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

މޫސުމީ ހިޖުރަ ކުރުމާބެހޭ ބައިނަލްއަޤުވާމީ އުސޫލުތަކުގައި މުޖުތަމަޢުތަކަށް ރައްކާތެރިކަމާއެކު އަމިއްލަ ވަޒަނުގައި ތިބެވޭނެ ގޮތްތަކަށް އިސްކަންދޭންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހިޖުރަކުރާނަމަ އެކަން ކުރަންވާނީ ފުރިހަމަ ތައްޔާރީއާއެކު އެ ބަޔަކު ބޭނުންވެގެންކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ މުުހިންމުކަން ފާހަގަކުރައްވައި ނާޒުކު ޤައުމުތަކަށް، އެކަނި ގޮންޖެހުންތަކާ ކުރިމަތިނުލެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބޭނުންތަކާ އެއްގޮތަށް ކޮންސެޝަނަލް އަދި ގްރާންޓް ބޭސްޑް ފައިނޭންސިން އިތުރުކޮށް، ޓެކްނޮލޮޖީއާއި ކެޕޭސިޓީ އިތުރު ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ، ކްލައިމެޓް މޮބިލިޓީ ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަޤުވާމީ އުސޫލުތަކަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭން އަބަދުވެސް ރައްޔިތުންނަށް ފައިދާހުރި އަދި ޙައްގުތަށް ކަށަވަރުވާ ގޮތަށް ކުރާ މިފަދަ ކަންކަމަށް ތަޢީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.