ޚަބަރު

ހިސާބުތަކުން ހާމަވީ މާލޭ ސަރަޙައްދުގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑު


  • ބޯހިޔާވަހިކަމަށް ޖުމްލަ 58،505 އެޕްލިކޭޝަން ލިބިފައިވޭ

  • ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން

  • ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަން

  • ބިން ހިއްކުމުގެ މަސައްކަތްތައް ދަނީ ކުރަމުން

މި ސަރުކަރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާއެކު މާލެ ސަރަހައްދަށް އެކަމުގެ ޑިމާންޑް އޮތް މިންވަރު މިވަނީ ހާމަވެފައެވެ. މި ސްކީމްތަކަށް އެދުމުގެ މުއްދަތު ހަމަވިއިރު ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މި އެޕްލިކޭޝަންތަކަށް ބަލާއިރު އެންމެ ގިނަ އެޕްލިކޭޝަން ލިބިފައިވަނީ ފްލެޓް ހޯދުމަށެވެ. މިކަމުން ގޯއްޗަށްވުރެ ބޮޑަށް ފްލެޓަށް އޮތް ޑިމާންޑްވެސް ހާމަވެގެން ދެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލި މުއްދަތު ހަމަވީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އަކާ ހަމައަށެވެ. ނަމަވެސް "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހުގެ ސުންގަޑި 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 އަށް އިތުރުކޮށްދިނެވެ.

ގޯއްޗާއި ފްލެޓަށް އެދުމަށްޓަކައި 6 މަސްދުވަހުގެ މުއްދަތެއްދިން އިރު މިމުއްދަތުގެ ތެރޭގައި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެތެރޭގައި ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަނެކެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 45،644 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި 35،818 އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 9،826 އެޕްލިކޭޝަނެއް ހުށަހަޅާފައިވެއެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ހުށަހަޅާފައިވަނީ ޖުމްލަ 12،861 އެޕްލިކޭޝަނެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 112 އެޕްލިކޭޝަނަކާއި ގޯއްޗަށް އެދި ހުށަހެޅި 12،749 އެޕްލިކޭޝަނެއް ހިމެނެއެވެ. މި ހިސާބުތައް ފެންނަގޮތުން މާލެ ސަރަޙައްދަށް އޮތް ބޯހިޔާވަހިކަމުގެ ޑިމާންޑު ބޮޑުކަށް ހާމަވެގެންދެއެވެ. ވަކިން ޚާއްސަކޮށް ގޯއްޗަށް ވުރެ ބޮޑަށް ފްލެޓަށް އޮތް ޑިމާންޑް އިތުރެވެ.

ސަރުކާރުން އެންމެ ކުރިންވެސް ކަނޑައަޅާފައިވާގޮތަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. މި ތަންތަން ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދެއެވެ.

ރައްޔިތުންނަށް ވީހާވެސް ފަސޭހަކުރުމަށާއި ގިނަ ބަޔަކަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގޯއްޗާއި ފްލެޓަށް އެދުމުގެ ބައެއް އުޞޫލްތަކަށް ބަދަލުތައް ސަރުކާރުން ގެންނެވިއެވެ.

އެ ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިނެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސްދިނެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެފަދަ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ފަހިކޮށްދިނެވެ.

ބޯހިޔާވަހިކަމުގެ މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި މާލެ ސަރަޙައްދުން ބިން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.

އޭގެ ތެރޭގައި ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިންމާ އެތަނުން ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މީގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިންމާފައެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ޕްލޭންގެ ދަށުން އުތުރު ތިލަފަޅުވެސް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ހުޅުމާލެއާއި ވިލިމާލޭގައި ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ބިންގާ ވަނީ އަޅާފައެވެ. އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ފައިސާ ހަމަޖެެއްސުމުގެ މަސައްކަތްތައް ކުރަމުންދާއިރު އަންނަ އަހަރުވެސް ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމާލުމެވެ.