ފީފާ ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ޕެރަގުއާއީ އާއި ބައްދަލުކުރި މެޗުން ބަލިވުމާއެކު މިމުބާރާތުގެ ގްރޫޕް މަރްހަލާ ފަހަނަ އަޅާ ދިއުމުގެ ފުރުސަތު ތުރުކީޔޭއަށް ގެއްލިގެން ދިޔަ ނަމަވެސް ކުޅުންތެރިންނާއި މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް އެޓީމުގެ ކޯޗު ވިންސެންޒޯ މޮންޓޭލާ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. މޮންޓޭލާ ބުނީ އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނައިރު ނަސީބު އެޓީމާއި އެކު ނެތިއްޔާ ކުރާނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.
މިގޮތުން ބައެއް ފަހަރު ހަމަލާ ހުރަސް ދަނޑިއަށް،އަނެއް ބައިފަހަރު ގޯލް ރޮނގުމަތިން ނޫނީ ގޯލް ދަނޑި ކައިރިން ބޭރަށް ދާއިރު ބުނެވޭނީ ލިބޭ ފުރުސަތުތައް ނިންމާނުލެވޭ ވާހަކަ ކަމަށެވެ. ނަމަވެސް މިއާއެކުވެސް އޭނާގެ ކުޅުންތެރިންނާއި މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް މޮންޓޭލާ ހާމަކުރިއެވެ. އެއީ އެކުޅުންތެރިން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އަދި މިދިޔަ ދެމެޗަށްފަހު އެކުޅުންތެރިން އިތުރަށް ދަސްވެގެން ގޮސްފި ކަމަށެވެ.
އޭނާ ބުނީ ފުޓްބޯޅައަކީ މިކަހަލަ އެއްޗެއް ކަމަށާއި މިކުޅިވަރު އެހާ ގިނަ ބައެއްގެ ސަމާލުކަން ހޯދާ ޝައުގުވެރިކުރުވާ އެއް ސަބަބަކީވެސް އެއީކަމަށެވެ. މިކުޅިވަރުގައި ކޮންމެހެއް މޮޅަށް ކުޅޭ ޓީމު މޮޅުވުން ލާޒިމް ނޫން ކަމަށާއި އަދި އޭނާ ކުޅުންތެރިއެއްގެ ގޮތުން މިހުރިހާ ކަމެއް ދެކިފައިވާކަމަށެވެ.
ޕެރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނީ ތުރުކީޔޭ ކަހަލަ ވަރުގަދަ ޓީމަކާއި ކުޅެ އެއް ލަނޑު ސުންލަނޑުން މޮޅުވުމުން އެޓީމަކީ އަންޑަރޑޯގް އެްގެ އިހްސާސް ނުކުރެވޭ ކަމަށެވެ. އަދި މިއަށް ވުރެ މާވަރުގަދަ ޓީމުތަކާއި ކުރިިއަށް އޮތް ތާނގާ ބައްދަލުވުމުގެ ފުރުސަތު ލިބިގެން ހިނގައިދާނެކަމަށާއި ނަމަވެސް އަންޑަރ ޑޯގްގެ އިހްސާސް ދެން މިޓީމުން ނުކުރާނެކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި މިއީ ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.