އިންޑިއާ އާއި ބްރެޒިލް އަންނަ މަހުގެ ތިނެއްގައި ބައްދަލުކުރާ ރަހުމަތްތެރިކަމުގެ ރަސްމީ މެޗުގެ ކުރިން މި ދެ ގައުމުގެ ކުރީގެ ތަރިން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.
ޗެންނާއިގެ ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ ކުރީގެ ގިނަ ތަރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޓީމުގެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ރޮނާލްޑީނިއޯ އާއި ރިވާލްޑޯ ހިމެނެ އެވެ.
މީގެ އިތުރުން ޖިލްބާޓޯ ސިލްވާ އާއި ކުރީގެ ކެޕްޓަން ލޫސިއޯ އާއި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން އަދި ފަހުން ކޯޗުކަން ކުރި ޑުންގާ އާއި މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކުރި މިޑްފީލްޑަރު ފެނާންޑީނިއޯ އާއި ކްލެބަސްން އާއި ޖޯޖީނިއޯ އާއި އެޑްމިލްސަން ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ސާކް ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ގަދަ ގައުމު އަދި ފީފާ ރޭންކިންގެ 138 ވަނާގައި އޮތް އިންޑިއާއިން މި މެޗަށް އެކުލަވާލި ޓީމުގެ ކެޕްޓަނަކީ ކުރީގެ ކެޕްޓަން އަދި ފޯވަޑް އައިއެމް ވިޖެއަން އެވެ. އޭނާ އަކީ އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެކްސްކޯ މެމްބަރެވެސްމެ އެވެ.
ވިޖެއަންގެ ސާފް ޗެމްޕިއަންޝިޕް 2008ގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކްލައިމެކްސް ލޯރެންސް އާއި މެހެތާބް ހުސައިން އާއި މަހޭޝް ގަވާލީ ވެސް މި މެޗުގައި ކުޅުނެވެ. މީގެ އިތުރުން މެހެރާޖުއްދީން ވަޖޫ އާއި އަރްނާބް މޮންޑާލް ވެސް ހިމެނެ އެވެ.
މި މެޗު ނިމުނީ 2-1އިން ބްރެޒިލް މޮޅުވެގެންނެވެ. އަދި މެޗަށް ފަހު އިންޑިއާގެ ކުޅުންތެރިން ބްރެޒިލްގެ ތަރިންނާއެކު ފޮޓޯ ނެގުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. ރަހުމްތެރިކަމުގެ ރަސްމީ މެޗަށް އިންޑިއާ އަށް ބްރެޒިލްގެ ފުލް ޓީމު ކޯޗު ކާލޯ އަންޗެލޯޓީއާއެކު ގެނައުމަށް ވެސް ވަނީ ނިންމައިފަ އެވެ.