ޚަބަރު

ލުބުނާނުގެ އައްނަބަޠިއްޔާ ސިފަ ވަނީ ދަންތުރައެއްގެ ގޮތުގައި


ޔަހޫދީން ޙަމަލާތައް ދެމުންދާ ދެކުނު ލުބުނާނުގެ އައްނަބަޠިއްޔާގެ ޙާލަތު ވަރަށް ގޯސް ކަމަށް ޑޮކްޓަރުންގެ ޖަމްޢިއްޔާއެއް ކަމަށްވާ ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް)އިން ބުނެފިއެވެ.

ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އެމެރިކާއާއި އީރާންއާ ދެމެދު ސްވިޒަލެންޑުގައި މަޝްވަރާތައް ކުރުމަށް ތައްޔަރުވަމުން ދަނިކޮށް އައްނަބަޠިއްޔާ ހިމެނޭ ގޮތަށް ދެކުނު ލުބުނާނުގެ ސަރަޙައްދުތަކަށް ޔަހޫދީން ދެމުންދިޔަ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުގެ ޙަމަލާތަކުގައި 50އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ލުބުނާނުގެ ސިފައިންގެ މީހެއް ވެސް ހިމެނޭ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމްވަމުންދާ މީހުންނަށް އެހީތެރިވުމުގައި އެމްއެސްއެފްއިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އެމްއެސްއެފްއިން ބުނީ ޒަޚަމްވެފައިވާ މީހުން ތެރޭގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ޕެރެމެޑިކުން ވެސް ހިމެނޭ ކަމަށެެވެ. ނުރައްކާ ބޮޑުވެފައިވާތީ ޙަމަލާތައް ދެމުންދާ ސަރަޙައްދުތަކުގައި ތާށިވެފައިވާ މީހުން އެހެން ސަރަޙައްދުތަކަށް ގެންދިޔުމަށް ނުކުޅެދިފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އެމްްއެސްއެފްއިން ބުނީ ބޮލަށް ބޮޑެތި ޒަޚަމްތައް ލިބިފައިވާ މީހުންނާއި ލޭ މަނާ ނުވެގެންނާއި، ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށްލަން މަޖުބޫރުވާ ފަދަ ޒަޚަމްތައް ލިބިފައިވާ ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންނަމުންދާ ކަމަށެވެ. އެ ޖަމްޢިއްޔާގެ އެމަޖެންސީ ކޯޑިނޭޓަރު، ޕިއެއަރ ބުލޭ-ދެސްބަރޫ ވިދާޅުވީ ނަބާޠީގެ ޙާލަތު ވަކިން ގޯސް ކަމަށާއި، އެ ސަހަރު ސިފަވަނީ ބަޔަކު ގަސްތުގައި މަރައިލުމަށް ޖަހާފައިވާ ދަންތުރައެއްގެ ގޮތުގައި ކަމަށެވެ. ޙަމަލާތަކުގެ ތެރޭގައި ތާށިވެފައި ގިނަ ޢަދަދެއްގެ ބަޔަކު ތިބި ކަމަށާއި އެ މީހުން ސަލާމަތް ކުރެވޭނެ ގޮތެއް މި ވަގުތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޢާންމުންނާއި ފަސްޓް ރެސްޕޮންޑަރުންނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށާއި، މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ޓީމުތަކަށް މީހުންނާ ހަމައަށް ފޯރޭނެ ގޮތެއް މިހާރުން މިހާރަށް ހޯދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް މަސައްކަތްކުރަމުންދާއިރު، އީރާނުން ދަނީ ޞުލްޙަ ޤާއިމްކުރުމުގެ ޝަރުތެއްގެ ގޮތުގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލަން ޖެހޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.