ޒަކާތު ސްކޮލަރޝިޕްއަށް ހުށައަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހިމަނައިފައިވީނަމަވެސް، ޕްލޭސްމެންޓް ލެޓަރއެއް އޮތުމަށް އެ އޮތޯރިޓީގެ ފަރާތުން ލާޒިމުކުރާ ކޯސްތަކަށް ޒަކާތު ސްކޮލަރޝިޕް ސްކީމުގެ ދަށުން އެޕްލައިކުރާ ދަރިވަރުން، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއެކު މި ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް ޒަކާތު ހައުސްއިން ހުޅުވާލީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުއެވެ. މިސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން މާސްޓާސް ލެވެލް 9 ފުރުސަތާއި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުޞަތުވަނީ ހުޅުވާލާފައެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ "ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕަށް އެދޭ ފޯމު"އާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ޗެކްލިސްޓުގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ)އިން ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހިމަނައިފައިވީނަމަވެސް، އެ ލިޔުން ހޯދުމަށް ޕްލޭސްމެންޓް ލެޓަރއެއް އޮތުމަށް އެ އޮތޯރިޓީގެ ފަރާތުން ލާޒިމުކުރާ ކޯސްތަކަށް ޒަކާތު ސްކޮލަރޝިޕް ސްކީމުގެ ދަށުން އެޕްލައިކުރާ ދަރިވަރުން، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއެކު އެ ލިޔުން ހުށަހަޅަން ނުޖެހޭނެކަމަށެވެ. ނަމަވެސް ޕްލޭސްމެންޓް ލެޓަރ ލިބުމާއެކު އެމް.ކިޔު.އޭ އިން ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ލިޔުން ހޯދުމަށްފަހު އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.
Iulaan: https://t.co/MdbpvBdpLU pic.twitter.com/tpd8iY1pKS
— Maldives Zakat House (@ZakatHouseMv) June 22, 2026
އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މީގެއިތުރުން ސްކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.
މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.
މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ވެސް ތަޢާރަފުކޮށްފައިވެއެވެ. އެގޮތުން މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕަންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް މީގެތެރޭގައި ހިމެނެއެވެ. މިސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ އަންނަ ޖުލައި މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ 14:00އާހަމައަށެވެ.