ކުޅިވަރު

ބްރެޒިލް މެޗުގެ ފަށުން ރަނގަޅު ކުރަން ޖެހޭނެ: ކްލާކް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ސްކޮޓްލޭންޑަށް ބޭނުންވަނީ އެންމެ ޕޮއިންޓެއް ނަމަވެސް ބްރެޒިލާ ދެކޮޅަށް ކުޅޭނީ މޮޅުވާން ކަމަށް އެ ގައުމުން ބުނެފި އެވެ.

ކޯޗު ސްޓީވް ކްލާކްގެ ޓީމު މިވަގުތު އޮތީ ހައިޓީ ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނާގަ އެވެ. މިހެންވެ މި މެޗުން ޕޮއިންޓެއް ލިބުނަސް ފުރަތަމަ ފަހަރަސް ސްކޮޓްލޭންޑް ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ކޮލިފައިވާނެ އެވެ.

"އަހަރުމެން ކުޅޭނީ މޮޅުވާން. އަހަރުމެން ޕޮއިންޓަކަށް ނުކުޅޭނަން. ލިބުނު ފުރުސަތުގެ ބޭނުން ހިފަން އަހަރުމެން މި މެޗު ވަރަށް ސީރިއަސްކޮށް ނަގާނަން،" ކޯޗު ބުންޏެވެ.

ކެޕްޓަން އެންޑީ ރޮބަޓްސަން ބުނީ ބްރެޒިލް އަކީ މުބާރާތުގެ ފެވަރިޓެއް ކަމަށާއި މިހެންވެ މި މެޗަކީ އެތައް ގޮތަކުން މުހިންމު މެޗެއް ކަމަށެވެ.

"ބްރެޒިލް ކޮންމެ ތާކަށް ދިޔަ ނަމަވެސް އެ މީހުން ދެކެން ބޭނުންވާ މީހުން ދުނިޔޭގައި ގިނަ. އެމީހުންނަށް ސަޕޯޓަރުން ވަރަށް ގިނަ. އަހަރުމެންނަށް މިހާރު ވެސް އެނގޭ ބްރެޒިލް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ނަންތައް. އަދި ޓީމަށް ނުނެގުމުން ގައުމުގައި ތިބި ކުޅުންތެރިން ވެސް. އެހެންވީމާ އެ މީހުންނާ ދެކޮޅަށް ކުޅުމަކީ ވެސް ލިބޭ ހިތްހަމަ ޖެހުމެއް،" ރޮބަޓްސަން ބުންޏެވެ.

މި މެޗުގައި އެންމެ ގިނައިން ބައްދަލުވާނެ ދެ ކުޅުންތެރިންނަކީ ރޮބަޓްސަން އާއި ބްރެޒިލްގެ ކީޕަރު އަލިސަން ބެކާ އެވެ. މި ދެ ކުޅުންތެރިންނަކީ މިދިޔަ ހަތް އަހަރު ލިވަޕޫލަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

"އޭނާ އަކީ ވަރަށް މޮޅު ކީޕަރެއް. އަހަރެން އުއްމީދު ކުރަނީ އޭނާ މި މެޗުގައި ގޯލު ތެރެއިން ބޯޅައެއް ނެރެން ޖެހޭނެ ކަމަށް. ވޯލްޑް ކަޕުން އޭނާއާ ބައްދަލުވުމަކީ އަހަރެންނަށް ލިބޭ އުފަލެއް،" ރޮބަޓްސަން ބުންޏެވެ.

މި މެޗަށް ނުކުންނައިރު ބްރެޒިލް ގްރޫޕުގެ އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. މިއަދަދަށް މޮރޮކޯ އަށް ވެސް ޕޮއިންޓް ލިބިފައިވެ އެވެ.