އަންނަ ސީޒަންގެ ދިވެހި ޕްރެމިއަރ ލީގުގެ ކޮލިފައިންގ ބުރުގައި ކުޅުނު ފަހު މެޗުން، ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ގދ.ގައްދޫއިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ގައްދޫ މޮޅުވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ގައްދޫއިން ލީޑު ނެގުމާ ހަމައަށްވެސް ފެނިފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް ގައްދޫއިން ގޯލު ޖަހަން ފެށި ހިސާބުން މެޗުގެ ކޮންޓްރޯލް އެޓީމަށް ލިބުނެވެ.
ގައްދޫގެ ފުރަތަމަ ގޯލު، އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވާހިބު ޠަހްރާއެވެ. މިއީ، ގްރީން ސްޓްރީޓްސް ހާފުގެ ތެރެއިން އެމަނުއެލް ދިން ޕާހެއް ނަގައިގެން ގޮސް، ގްރީންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ގައްދޫގެ ދެވަނަ ލަނޑު، ފުރަތަމާ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދީފައި ވަނީ އަޙްމަދު ރިފްޝާންއެވެ. މިއީ އައްނު ޢަބްދުﷲ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް، ގްރީން ކުޅުންތެރިއެއް ސާފުކޮށްލަން ޖައްސާލި ބޯޅައެއް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ގިނައިރުތަކެއް ނުވެ ގައްދޫއިން ވަނީ ތިންވަނަ ގޯލެއް ޖަހާފައެވެ. މިއީ ގައްދޫ ކީޕަރު ފޮނުވާލި ބޯޅައެއް ގްރީން ސްޓްރީޓްސް ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ވާހިބް ޠަހްރާއަށް ލިބުމުން އޭނާ އެބޯޅަ ހިފައިގެން ގޮސް ކާމިޔާބުރި ގޯލެކެވެ.
ގައްދޫގެ ފަހު ގޯލު، މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޢަލީ މުޙައްމަދެވެ.
މި ނަތީޖާއާއެކު، ގްރީން ކުޅުނު 5 މެޗުން އެޓީމަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި ގައްދޫއަށް ލިބިފައިވަނީ 9 ޕޮއިންޓެވެ. އެހެންކަމުން ގައްދޫ އަންނަ ސީޒަންގެ ޕްރެމިއަރ ލީގަށް ކޮލިފައި ވެފައި ވާއިރު، ގްރީން ސްޓްރީޓްސް އަންނަ ސީޒަނުގައި ކުޅޭނީ ދެވަނަ ޑިވިޝަނުގައެވެ.